ޚަބަރު

"ދިޔަރެސް" މޫދު ކުޅިވަރު ކޮންވެންޝަން ކާމިޔާބުކަމާއިއެކު ނިންމާލައިފި


މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބާއްވާ އެންމެ ބޮޑު ޙަރަކާތް ''މޫދު ކުޅިވަރު ކޮންވެންޝަން'' ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

ދިޔަރެސްގެ ނަމުގައި ބޭއްވި މި ކޮންވެންޝަނަކީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދަރުބާރުގޭ ރަންނަބަނޑެރި މާލަމުގައި މިއަދު ހެނދުނުން ފަށައިގެން ކުރިއަށްދިޔަ މި ކޮންވެންޝަނުގައި މޫދު ކުޅިވަރުތަށް ހިންގާ ގިނަ ޖަމިއްޔާތަކަކުންނާއި އެސޯސިއޭޝަން ތަކަކުން ވަނީ ބައިވެރި ވެފައިވެއެވެ.

މި ކޮންވެންޝަނުގައި މޫދު ފެތުމާއި ވޯޓާ ސްޕޯޓްސްއާއި، ޑައިވިން ފަދަ މޫދު ކުޅިވަރުތަށް ހިންގާ ކުރިއެރުވުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާއި، އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު ވަނީ މަޝްވަރާ ކޮށްފައެވެ. އަދި އެންވައިރަމެންޓް ޕްރޮޓެކްށަން އޭޖެންސީ އާއި ސްޕޯޓްސް ކައުންސިލްއިން މޫދު ކުޅިވަރުތަށް ހިންގުމުގައި އަދާކުރާ ދަޢުރާއި ސަރުކާރުގެ ތެރެއިން މޫދު ކުޅިވަރު ތަރައްގީކޮށް، ކުޅިވަރު ތަރައްގީ ކުރުމުގައި ދިމާވާ ދަތިތަށް ހައްލުކުރަން ކުރެވިދާނެ ކަންކަމާއި މެދުގައިވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

މި ކޮންވެންޝަންގައި، ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން ގުރޫޕު ޑިސްކަޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، މާކެޓިންގ، މީޑިޔާ، ޑިވެލޮޕްމަންޓް އަދި މި ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ އެކި ކަންކަމާއިމެދު މަޝްވަރާކޮށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ކަރުދާސް ހުށައަޅާފައިވެއެވެ.

މި ކޮންވެންޝަން ނިންމާލުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓާއޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓްގެ ނައިބް މުޙައްމަދު އަޒްމީލް ވިދާޅުވީ، މިފަދަ ކޮންވެންޝަނެއް ބޭއްވުމުން މޫދު ކުޅިވަރުތަށް ހިންދުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ހާމަވެގެން ހިންގައްޖެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަސް މުސްތަގުބަލެއްގައި ކަންތައްތައް ހައްލުވެގެން ދިއުން ކަމަށެވެ. އަދި ސަރުކާރުން ހުރިހާ ކުޅިވަރަކަށްވެސް ހަމަހަމަ ކަމާއިއެކު، ކުޅިވަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އަޒްމީލް ވިދާޅުވިއެވެ.

" މިއީ ހަގީގަތުގައި ވަރަށް ކާމިޔާބު އިވެންޓެއް، މީގެ ސަބަބުން މޫދު ކުޅިވަރުތަށް ތަރައްގީކުރާ ފަރާތްތަކަށް ދިމާވާ ވަރަށް ބައިވަރު ގޮންޖެހުންތަށް އެނގިގެން ހިނގައްޖެ، އަޅުގަނޑުމެން މަސައްކަތް ކުރާނަން ވީހާވެއް އަވަހަކަށް މިކަންކަން ހައްލުކުރަން އުސޫލުތަކެއް ކަނޑައަޅައި، އަމަލީގޮތުން މަސައްކަތް ފެށަން،" ޑެޕިއުޓީ މިނިސްޓާ އަޒްމީލް ވިދާޅުވިއެވެ.

މި ކޮންވެންޝަންގެ ބައިވެރިވި ފަރާތްތަކުން ބުނީ، މި ކޮންވެންޝަނުގެ ސަބަބުން މޫދު ކުޅިވަރުތަށް ހިންގާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަށް ސީދާ ގޮތެއްގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވޭ ކަމަށާއި، މުސްތަގުނަލުގައި މިފަދަ ގިނަ ކޮންވެންޝަންތަކެއް ބާއްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ދިޔަރެސްގެ ނަމުގައި ކުރިއަށް ގެންދިޔަ މި ކޮންވެންޝަނަކީ ރާއްޖޭގެ މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޭއްވި ފުރަތަމަ ކޮންވެންޝަނެވެ.