ސިޔާސީ

އެމެރިކާ ސަފީރު ފޮރިން މިނިސްޓަރު ޝާހިދާއި ބައްދަލުކުރައްވައިފި


އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި ސަފީރު ޓެޕްލީޒްވަނީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ސަފީރު ޓެޕްލީޒް ވަނީ އޭވިއޭޝަން ދާއިރާގެ ސަލާމަތީ ކަންކަމާއި، މާލީ ނިޒާމް ހަރުދަނާކުރުމުގެ އިތުރުން އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ އެންމެ ފަހުގެ މައުލޫމާތު މިނިސްޓަރ ޝާހިދާއި ޙިއްސާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ވަނީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމެރިކާ ސަފީރާއި ފޮރިން މިނިސްޓަރ ބައްދަލުކުރައްވާފައިވާއިރު ދާދިފަހުން މިނިސްޓަރ ޝާހިދު ވަނީ އެމެރިކާއަށް ވަޑައިގެން އެ ޤައުމުގެ އިސް ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.