ޚަބަރު

ރާއްޖެއަކީއެކުވެރި ގުޅުމެއް ޤާއިމްކުރުމަށް މަސައްކް ކުރާ ޤައުމެއް


ރާއްޖެއަކީ އަބަދުވެސް މި ސަރަހައްދުގެ ޤައުމުތަކުގެ މިނިވަންކަމާއި،
ސިޔާސަތުތަކަށް އިޙްތިރާމްކުރާ، އެކުވެރިގުޅުމެއް ޤާއިމުކުރުމަށް މަސައްކަތްކުރާ
ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ މުހައްމަދު ޙުސެއިން
ޝަރީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ ސާޅިސް
ހަތަރުވަނަ މިނިވަންދުވަސް އަދި ޤައުމީ ދުވަސް ފާހަގަކުރުމަށް ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި
ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ބަންގްލަދޭޝްގެ ސާޅިސް ހަތަރު ވަނަ މިނިވަން ދުވަސް އަދި ޤައުމީ ދުވަސް
ފާހަގަކުރުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް
އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، ރާއްޖެއަކީ އެއް
އިރެއްގައިވެސް ދޭދޭ ޤައުމުތަކުގެ ސިޔާސަތުތަކާއި، ދާޙިލީ ކަންކަމުގެ ތެރެއަށްވަދެ
ނުފޫޒު ފޯރުވަން މަސައްކަތް ކުރާނެ ޤައުމެއް ނޫންކަމަށެވެ. އަދި ރާއްޖެއިން
އަބަދުވެސް މަސައްކަތްކުރަމުންދާނީ ސަރަހައްދީ ޤައުމުތަކުގެ ގުޅުން ވަރުގަދަކޮށް،
މި ސަރަހައްދުގެ ކުރިއެރުމަށާއި، ތަރައްޤީއަށް އެކުގައި ގުޅިގެން މަސައްކަތް
ކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ
ސަފީރު ރިއަރ އެޑްމިރަލް ކާޒީ ސަރްވާރް ހުސެއިން ވިދާޅުވީ، ރާއްޖޭގެ
މަސައްކަތްތެރިކަމުގެ ސިނާޢަތުގައި ބަންގްލަދޭޝްއަކީ މުހިއްމު ދައުރެއް އަދާކުރާ
ޤައުމެއްކަމަށެވެ.
އަދި ޤައުމުން ބޭރުގައި އެންމެ ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން
ވަޒީފާއަދާކުރާ ޤައުމަކީ ރާއްޖެކަން ފާހަގަކުރައްވާ، ސަރްވާރު ހުސެއިން ވިދާޅުވީ،
ރާއްޖޭގެ އިޤްތިސާދުކުރިއެރުވުމުގައި ފުރިހަމަ އެހީތެރިކަން ދެއްވާނެކަމުގެ
ޔަޤީންކަން އޭނާ ދެއްވިއެވެ.



މި ރަސްމިއްޔާތުގައި ބަންގްލަދޭޝްއިން ފާއިތުވި އަހަރުތަކުގައި ހޯދާފައިވާ
ކުރިއެރުންތަކާއި، މިނިވަންކަން ހޯދުމަށް އެޤައުމު ކުރި ދަތުރުދައްކުވައިދޭ ވީޑިއޯ
ޕްރެޒެންޓޭޝަންތަކެއް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން ދެ
ޤައުމުގެ ބައެއް ސަޤާފީ ހަރަކާތްތަކެއްވެސް ވަނީ ހުށަހަޅައިދީފައެވެ.