ވިޔަފާރި

ރާއްޖެއާއި އީ.ޔޫއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އިންވެސްޓަރ ފޯރަމެއް ބާއްވަނީ


ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި އިންވެސްޓަރ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އިންވެސްޓަރ ފޯރަމް މި އަހަރުގެ ދެވަނަ ކުއަރޓަރ ތެރޭގައި ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި އިންވެސްޓަރ ފޯރަމްގެ ސަބަބުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ދުނިޔޭގެ ބޮޑެތި ވިޔަފާރިވެރިންނަށް އަންގައިދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އިންވެސްޓަރ ފޯރަމެއް ދިވެހި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންނާއި ދެތެރޭ ބޭއްވުމުގެ މަސައްކަތް ކުރިއަށް އެބަދޭ، އަހަރުގެ ދެވަނަ ބައިގެ ތެރޭގައި މި ފޯރަމް ބޭއްވިގެންދާނެ، މި ފޯރަމްގެ ބޭނުމަކީ ދިވެހިރާއްޖޭގެ މުއްސަދިކަމުގެ ފުރިހަމަ ބޭނުން ދިވެހިންނަށް ކުރެވޭނެ ގޮތަށް އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހުޅުވާލުން"، މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެ ކުޑަ ކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވެގެން އަންނަ ޤައުމަކަށް ބަދަލުވުމުން، ރާއްޖެއަށް ބޭރުގެ ޤައުމުތަކުން ލިބޭ ހިލޭ އެހީތައް މަދުވި ނަމަވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.