ސިޔާސީ

ކުރީގެ ޑިފެންސް މިނިސްޓަރ 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި


ހަނގުރާމަވެރި ހަތިޔާރު ރާއްޖެއަށް
އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވެ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް
މުހައްމަދު ނާޒިމް އެގާރަ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.
ދައުލަތުން ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގެ
ދައުވާ އުފުލާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ނާޒިމް ދިރިއުޅުއްވާ، ގަލޮޅު އެނިފްގެ
ފުލުހުން ބަލާ ފާސްކުރުމުގެ ތެރޭގައި ފިސްތޯލައަކާއި، ތިން
ވަޒަން ފެނިފައިވާތީއެވެ. ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި
ވަނީ ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް
ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދިން ހެކިވެރިންގެ ހެކިބަހުން ސާބިތުވާ ކަމަށާއި،
އަދި ދައުލަތުން ހުށައަޅާފައިވާ ލިޔެކިއުން ތަކުންވެސް އެކަން އެއްވެސް
ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި އެހަތިޔާރަކީ އަސްލުހަތިޔާރު ކަމަށް
އެމް.އެން.ޑީ.އެފުން ކުރި ޓެސްޓް ތަކުން ހާމަވާކަމަށްވެސް ޙުކުމުގައިވޭ. ޝަރީއަތުގެ
މަޖިލީހުން ބުނީ ދައުވާގެ ދިފާއުގައި ނާޒިމްގެ ފަރާތުން ހެކި އުފެއްދުމަށް
މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.



ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނުގައި
ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނުކަން ޝަރީއަތަށް
ސާބިތުވެފައިވާއިރު މި ހަތިޔާރު ނާޒިމަށް ލިބުނުގޮތް ދިފާއީ ވަކީލުންނަށް
ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އަދި ދިފާއުގައި ހުށައަޅާފައިވާ ހެކިތަކުން
މިހަތިޔާރަކީ ނާޒިމް ރާއްޖެ އެތެރެކޮށް ގެންގުޅުނު އެއްޗެއް ނޫންކަން ދިފާއީ
ވަކީލުންނަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އެހެންކަމުން ޤާނޫނު ނަންބަރު
4/1975 ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގެ 2 (ހ) އާއި އެޤާނޫނުގެ ނުވަ
ވަނަމާއްދާގެ ދަށުން، ހަނގުރާމަވެރި ހަތިޔާރު ރާއްޖެއަށް އެތެރެކޮށް ގެންގުޅުމުގެ
ކުށުން ނާޒިމް ކުށްވެރިވެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެޤާނޫނުގެ ދެވަނަމާއްދާގެ
(ހ) ގައިވަނީ ހަނގުރާމަވެރި ހަތިޔާރަކީ ރާއްޖެ އެތެރެކުރުން މަނާ އެއްޗެއް ކަމަށެވެ.
އަދި ނުވަވަނަ މާއްދާގައި ވަނީ އެފަދަ ހަތިޔާރެއް މީހަކު އަތުން ފެންނަ ހިނދު
އެއެއްޗެއް އެމީހަކަށް ލިބުނުގޮތް ސާބިތުކޮށް ނުދެވިއްޖެ ނަމަ ބެލޭނީ އެއީ އެމީހަކު
ދިވެހިރާއްޖެއަށް އެތެރެކޮށްގެން ގެންގުޅޭ ނުވަތަ ރާއްޖޭގައި އުފައްދައިގެން
ގެންގުޅޭ އެއްޗެއް ކަމުގައި ކަމަށެވެ. ޝަރީއަތުގެ މަޖިލިސް ނިމުމަށްފަހު
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު
ވިދާޅުވީ މިމައްސަލަ ނިމުނުގޮތުގެ ރިޕޯޓް ލިބޭހާ އަވަހަކަށް ހައިކޯޓުގައި މައްސަލަ
އިސްތިއުނާފު ކުރާނެކަމަށެވެ.