ޚަބަރު

ސަރުކާރާއެކު ދެމި ހުންނަވާނެކަމުގެ ޔަޤީންކަން ރައީސް މައުމޫން ދެއްވައިފި


ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ސަރުކާރު ކޯލިޝަންގެ އެއް ލީޑަރ، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ އެމަނިކުފާނާއި، އެމަނިކުފާނުގެ ސިޔާސީ ހަރަކާތުގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާޢީދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް އެބައޮތް ކަމަށެވެ.

ރައީސް ޞާލިޙާއި ރައީސް މައުމޫން މިއަދު ބައްދަލުކުރައްވައި، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވައެވެ.

ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަށް ރައީސް މައުމޫން ދެއްވިއިރު، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ގެންދަވަނީ ކޯލިޝަންގެ މައި ޕާޓީ، އަދި ރައީސް ޞާލިޙް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ސިޔާސަތުތަކަށާއި، ސަރުކާރުގެ ބައެއް ކަންކަމަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ޖޭޕީ ދެމިއޮތްކަމަށްވެސް ޤާސިމް ވިދާޅުވެއެވެ.

ސަރުކާރުގެ މަޤާމުތައް ކޯލިޝަން ޕާޓީތަކުގެ މެދުގައި ބަހާލިނަމަވެސް، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕާޓީތަކުން ވާދަކުރަނީ ވަކި ވަކިންނެވެ.