ޚަބަރު

ގިމަ-ހާ އިންޓަނޭޝަނަލް ކަރާޓޭ ޗެމްޕިއަންޝިޕުން މެޑަލް ހޯދައިދިން އެތްލީޓުންނަށް ރާއްޖެ އަތުވެއްޖެ


ސްރީ ލަންކާގައި ބޭއްވި ގިމަ-ހާ އިންޓަނޭޝަނަލް ކަރާޓޭ ޗެމްޕިއަންޝިޕުން މެޑަލް ހޯދައިދިން އެތްލީޓުން ރާއްޖެ އަތުވެއްޖެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެތްލީޓުންނަށް މަރުޚަބާ ވިދާޅުވީ ޔޫތް މިނިސްޓްރީ ހިންގެވުމާއި ހަވާލްވެ ހުންނެވި އަލީ ވަހީދާއި، އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލެވެ.

ގިމަ-ހާ އިންޓަނޭޝަނަލް ކަރާޓޭ ޗެމްޕިއަންޝިޕުން ރާއްޖޭގެ ކަރާޓޭ ތެޅުންތެރިން 7 ރަން މެޑަލާއި އެއް ރިހި މެޑަލް ހޯދިއެވެ. އެތްލީޓުންނާއި ބައްދަލުކުރައްވާ މިނިސްޓަރ އަލީ ވަހީދުވަނީ އެތްލީޓުން ހޯދި ކާމިޔާބަށް މަރުޚަބާ ވިދާޅުވެ ރާއްޖެއަށް ރީތި ނަމަކާއި ފަޚުރެއް ހޯދައިދިނީތީ ޝުކުރުއަދާކުރައްވާފައެވެ. އަދި މި ކުޅިވަރު ކުރިއަރުވަން މިނިސްޓްރީންނާއި ސަރުކާރުން އެހީތެރިކަން ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެތްލީޓުންވެސްވަނީ ކަރާޓޭ ފަދަ ކުޅިވަރެއް ރާއްޖޭގައި ކުރިއެރުވުމަށް ހުރި ދަތިތައް ފާހަގަކުރައްވާފައެވެ. އަދި މިނިސްޓްރީންނާއި ސަރުކާރުން އެ އެތްލީޓުން ކުރި މަސައްކަތް ބަލައިގަނެ، ކީ މަރުޚަބާއަށް އެތްލީޓުންވަނީ ޝުކުރުއަދާކޮށްފައެވެ. ޖަޕާން ގިމަ ހާ ޝޮޓަކަން އެސޯސިއޭޝަނުން ރާވައިގެން ބާއްވި ގިމަ-ހާ އިންޓަނޭޝަނަލް ކަރާޓޭ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަށް އެތްލީޓުން ވާދަކުރިއިރު، ސައުތް އޭޝިޔާގެ 4 ގައުމަކުން 600އަށްވުރެ ގިނަ އެތްލީޓުންވަނީ މި މުބާރާތުގައި ވާދަކޮށްފައެވެ.

ގިމަ-ހާ އިންޓަނޭޝަނަލް ކަރާޓޭ ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދި އަލީ ހައިޝަމް ބުނީ މި ކާމިޔާބީ އެންމެ ބޮޑަށް ޚާއްސަވާ ސަބަބަކީ މިފަހަރު ހުރިހާ އެތްލީޓުންވެސް މެޑަލް ހޯދުންކަމަށެވެ. 8 އެތްލީޓުންގެ ތެރެއިން 7 އެތްލީޓުން ރަން މެޑަލް ހޯދުމަކީ ބޮޑު ކާމިޔާބެއްކަމަށާއި، އޭޝިއަން ގޭމްސް ފަދަ މުބާރާތްތަކުގައި ވާދަކުރަން ރާއްޖޭގެ އެތްލީޓުން ކޮލިފައިވެފައިވާކަމަށްވެސް ހައިޝަމް ފާހަގަކުރިއެވެ.