ސިޔާސީ

އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި އަދާލަތައް ސިޓީއެއް


މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލޭގައި އެމް.ޑީ.ޕީއާއި އަދާލަތު ޕާޓީ ގުޅިގެން ބޭއްވި މުޒާހަރާގައި ސިޔާސީ ޕާޓީގެ ޤާނޫނާއި، ސުލަހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފާވާތީ، އެފަދަ އަމަލުތައް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.އެގޮތުން އިލެކްޝަންސް ކޮމިޝަނުންވަނީ ޤާނޫނާ ހިލާފުއަމަލުތައް ނުކުރުމަށް އިލްތިމާސްކޮށް، އެމް.ޑީ.ޕީއަށާއި، އަދާލަތު ޕާޓީއަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ސިޔާސީ ޕާޓީގެ ޤާނޫނާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާ ހިލާފަށް ފުލުހުންނަށް ހަމަލާ ދިނުމާއި، އާއްމުންގެ މުދަލަށް ގެއްލުން ދިނުމާއި، އަނިޔާވެރި އަމަލުތަކަށް ގޮވާލުންފަދަ އަމަލުތައް ހިންގާފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ސިޓީގައި މުޒާހަރާތަކުގައި ހިންގަމުން ގެންދާ ޤާނޫނާއި ޤަވާއިދާ ޚިލާފު މިބާވަތުގެ ކަންކަން އެކޮމިޝަނުން ބައްލަވަމުން ގެންދަވާ ކަމަށާއި، ޤާނޫނީ އިމުގެ ބޭރުން ސިޔާސީ ޕާޓީތަކުން ހިންގާ މިފަދަ ޙަރަކާތްތަކާއިމެދު އެކޮމިޝަނުން ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައިވެއެވެ.