ޚަބަރު

"ހަވަލި ފެއަރ" ގައި 100އަށްވުރެ ގިނަ ޖަމިއްޔާއިން ބައިވެރިވެއްޖެ


ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުވުމުގެ ގޮތުން ބާއްވަން ނިންމާފައިވާ "ހަވަލި ފެއަރ" ގައި ސަތޭކައަށް ވުރެ ގިނަ ޖަމިއްޔާއިން ބައިވެރިވެއްޖެއެވެ.

މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ބާއްވާ ފެއަރގައި ވ.އަތޮޅު ފިޔަވައި ރާއްޖޭގެ އެކި އަތޮޅުތަކަށް ނިސްބަތްވާ އެހެން ހުރިހާ އަތޮޅު ތަކުން ބައިވެރިވެއެވެ.

ހޯމް މިނިސްޓްރީން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަވަލި ފެއަރ ކުރިއަށް ދާނީ މި މަހުގެ 16ވަނަ ދުވަހުން ފެށިގެން 18ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ. ހޯމް މިނިސްޓްރީން ބުނީ މި ފެއަރގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ ތަމްރީނުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ތަމްރީނުތައް ދިނުމަށް ހަމަޖެހިފައި ވަނީ ސްޓެލްކޯގައި ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

ޖަމްޢިއްޔާތަކަށް އަމާޒުކޮށް މިފަދަ ފެއަރއެއް ބޭއްވުމުގެ މައިގަނޑު މަގްޞަދަކީ ޖަމްޢިއްޔާތަކުން ރާވާ ހިންގުމަށް ކަނޑައެޅޭ ޕްރޮގްރާމްތައް ހިންގުމަށް ފަންޑު ހޯދޭނެ ވަސީލަތެއް ގާއިމްކޮށް، ޕްރޮޖެކްޓްތައް ސްޕޮންސަރ ކުރާނެ ފަރާތްތައް ދެނެގަނެ އެހީހޯދުމަށް މަގުފަހިކުރުމާއި، މެންބަރޝިޕް އިތުރުކުރުމާއި، މަޢުލޫމާތު ހިއްސާކުރުމާއިއެކު ގުޅުން ބަދަހިކުރާނެ ނެޓްވާރކިންގެ މާހައުލެއް ގާއިމުކުރުމެވެ.

މި ފެއަރގެ ފުރަތަމަ ދުވަސް ޢާންމުންނަށް ޚާއްޞަ ކުރެވިފައިވާއިރު ދެވަނަ ދުވަސް އަމާޒުކުރެވިފައި ވަނީ ބޮޑެތި ވިޔަފާރި ނުވަތަ ކޯޕަރޭޓް ދާއިރާ ތަމްސީލްކުރާ ފަރާތަކާއި ކުންފުނިތަކަށެވެ. އަދި އެންމެ ފަހު ދުވަސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސްކޫލް މަދަރުސާތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖް ފަދަ ތަންތަނުގައި ތަޢުލީމް ޙާޞިލް ކުރަމުން އަންނަ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ.

މީގެ އިތުރުން އެކި ދާއިރާތަކުން މަސައްކަތްކުރާ ޖަމްޢިއްޔާތައް ގުޅުން ބަދަހި ކުރުވުމާއި ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމާއި ވިޔަފާރިވެރިންނާއި އެހިދޭ ފަރާތްތަކާ ގުޅުވައިދިނުމާއި އެފަދަ ގުޅުންތަކުގެ ތެރެއިން އިތުބާރު އުފެއްދުމާއި ދަރުމަވެރިން އިތުރުކުރުމާއި ވޮލަންޓިއަރުންގެ މުޙިންމުކަން އަންގައިދިނުމާއި ހުނަރު ދަސްކޮށްދިނުމާއި ޕްރޮޕޯސަލް ހެދުމާއި ބަޖެޓް ހަދާނެ ގޮތް ދަސްކޮށްދިނުމާއި ޖަމްޢިއްޔާތަކާއި މީޑިއާތަކާއި ގުޅުވާލަދިނުން މި ފެއަރގެ ތެރޭގައި ކުރިއަށްދާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.