ހަތަރުވަނަ އީޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާ ޔޫރަޕިއަން ޔޫނިއަން އީޔޫ ޤައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ވަފުދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތާ، މިއަންނަމަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިޚާބާ ބެހޭގޮތުން އީޔޫގެ ވަފުދުގެ ބޭފުޅުންނާއި ރައީސް ޞާލިޙް މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އަދި ވާދަވެރި އިންތިޚާބަކަށް ހެދުމަށް މިސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެރުވިއެވެ. އަދި ސަރުކާރުން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙް ވަނީ އީޔޫގެ ޤައުމުތަކަށާ ރާއްޖެއަށް ފައިދާވާނެ ސިޔާސަތުތަކެއް ކަނޑައަޅައި އެސިޔާސަތު ތަކަށް ޢަމަލުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި ދެ ފަރާތުގެ މެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސަފީރުންވެސް ވަނީ ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާ މެދު މަޝްވަރާ ކުރައްވައި އިޤްތިޞާދީ ގޮތުން ރާއްޖެއާއި އީޔޫގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމާއިމެދު މަޝްވަރާ ކުރައްވާފައެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ވަފުދުގެ ބޭފުޅުން ވަނީ މި ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާއަށް ތަޢުރީފު ކުރައްވައި ރައީސް ޞާލިޙްގެ ވެރިކަމުގެ ދައުރުގައި އެމަނިކުފާނުގެ މައްޗަށް މަތިކޮށްފައިވާ މަޤާމުގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވަނީ ވިދާޅުވެފައެވެ.