ތަޢުލީމު

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިމުމުގެ ރަސްމިއްޔާތު ބާއްވައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިދިޔަ އަހަރުގެ ދެވަނަ ޓާރމްގައި ކޯސްތައް ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ސަނަދު ޙަވާލުކޮށްފިއެވެ.ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ މިއަދު ހެނދުނު ދަންފަޅި ޝަރަފުވެރިކޮށްދެއްވީ، އިންޓަރިމް ޔުނިވަރސިޓީ ކައުންސިލްގެ ރައީސާ ޑރ. ރަޝީދާ މުޙައްމަދު ދީދީއެވެ.އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި  ބޭއްވުނު މި ރަސްމިއްޔާތުގައި  ސެޓްފިކެޓާއި ޚާއްސަ ޢިނާމް ހާޞިލުކޮށްފައިވަނީ މިދިޔަ އަހަރުގެ ދެވަނަ ޓަރމްގައި ޑިޕްލޮމާއާއި އެޑްވާންސްޑް ޑިޕްލޮމާ ފުރިހަމަ ކުރި ދަރިވަރުންނެވެ.ޤައުމީ ޔުނިވަރސިޓީގެ އެކިއެކި ކެމްޕަސްތަކާ، މާލޭގެ ކަމްޕަސްތައް ހިމެނޭ ގޮތަށް، 11 ފެކަލްޓީއަކުން ޖުމްލަ 262 ދަރިވަރަކު ވަނީ ދަސްވެނިވެ ސަނަދު ހާސިލްކޮށްފައެވެ. އެގޮތުން ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ، ނޫސްވެރިކަމުގެ ދާއިރާ، ސިއްޙީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ޤާނުނީ ދާއިރާ، ވިޔަފާރީގެ ދާއިރާ އަދި ސައިންސާއި އައި.ޓީ ދާއިރާގެ ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދީފައިވެއެވެ. މީގެ އިތުރުން އެކި ކޯސްތަކުން ޖުމުލަ ވިހި ދަރިވަރަކު، ވަނީ ޚާއްޞާ ޢިނާމް ހާޞިލުކޮށްފައެވެ.ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އިންޓެރިމް ޔުނިވަރސިޓީ ކައުންސިލްގެ ރައީސާ ޑރ. ރަޝީދާ މުޙައްމަދު ދީދީ ވަނީ މަތީ ތައުލީމު ނިންމުމަށްފަހު ވަޒީފާގެ މާހައުލަށް ނިކުންނަ ކުދިންނަށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ.ހެނދުނުގެ ދަންފަޅީގައި ޔުނިވަރސިޓީ ކައުންސިލްއާއި، ޔުނިވަރސިޓީގެ ވެރިންގެ އިތުރުން ދަޢުލަތުގެ އިސްވެރިންވަނީ ބައިވެރިވެޑައިގެންފައެވެ.ދަސްވެނިވުމުގެ ދެވަނަ ދަންފަޅި މިރޭ އޮންނަ އިރު، މިރޭގެ ދަންފަޅި ޚާއްސަ ކުރެވޭނީ މިދިޔަ އަހަރުގެ ދެވަނަ ޓާމްގައި ނިމުނު ޑިގްރީ އަދި ޕޯސްޓް ގްރެޖްއޭޓް ކޯސްތަކުގެ ދަސްވެނިންނަށް ސަނަދު ހަވާލުކުރުމަށް ކަމަށް ޔުނިވަސިޓީން މައުލޫމާތުދެއްވައެވެ. މި ރަސްމިއްޔާތުވެސް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައެވެ.