ސިޔާސީ

ޕީއެސްއެމްއާއި ފެނަކައިގެ ކޮރަޕްޝަންގެ ޚާއްޞަ ތަޙްޤީޤެއް އޭސީސީން ފަށައިފި


ޕަބްލިކް ސާރވިސް މީޑިއާއާ (ޕީއެސްއެމް)އާއި ފެނެކަ ކޯޕަރޭޝަންގެ ބޮޑެތި ކޮރަޕްޝަންގެ ޚިޔާނާތުގެ މައްސަލަތަކެއް ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޚާއްޞަ ތަޙްޤީޤެއް ފަށައިފިއެވެ. އޭސީސީން ވަނީ އެދެކުންފުނީގެ ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް ޚާއްޞަ ދެކޮމިޓީއެއްވެސް އެކުލަވާލައްވާފައެވެ.

އޭސީސީއަށް މިދިޔަ އަހަރު ދައުލަތުގެ ކުންފުނިތަކުން ހިންގާފައިވާ ކޮރަޕްޝަންތަކާއި ގުޅީގެން 238 ހުށައަޅާފައިވާކަމަށް އެ ކޮމިޮޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ހިމެނެނީ ފެނަކަ ކޯޕަރޭޝަންގެ 52 މައްސަލައަކާއި ޕީއެސްއެމްގެ 23 މައްސަލައެވެ.

އޭސީސީން ވަނީ އެ ދެ ކުންފިނީގައިވެސް އެ ކޮމިޝަންގެ ތަޙްޤީޤީ ޓީމްތަކުން ހަރަކާތްތެރިވަމުން އަންނަކަމަށް ބުނެފައެވެ. ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރީގެ ސަރުކާރުން އުފެއްދެވި ފެނަކަ ކޯޕަރޭޝަނަކީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއްކުރެވޭ ކުންފުންޏެވެ.

އެގޮތުން ޑޮލަރު ގަތުމާއި ޕެޓްރޯލާއި ޑިސެލް އެ ކުންފުންޏަށް ގަތުމުގައި ޤަވާއިދާއި ޚިލާފަށް ބޮޑެތި މުޢާމަލާތްތަކެއް ކޮށްފައިވާކަމަށް އެއިރު ނެރުނު އޮޑިޓް ރިޕޯޓްތަކުންވެސް ހާމަވެފައިވެއެވެ. އަދި ޕީއެސްއެމްގެ ކުރީގެ މެނޭޖުމަންޓުންވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައް ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެ މައްސަލަތައް އޭސީސީން އަންނަނީ ތަޙްޤީޤްކުރަމުންނެވެ.