ޚަބަރު

ޓީބީއަށް ސްކްރީން ކުރުމުގެ ޚިދުމަތް ތިނަދޫ ހޮސްޕިޓަލުގައި ޤާއިމުކޮށްފި


ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ޓީބީ އަށް ޓެސްޓް ކުރުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ދިވެހިރާއްޖެއިން ޓީބީ ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގދ. އަތޮޅުގައި ޖީން އެކްސްޕަރޓް ސަރވިސްގެ ޚިދުމަތް ދޭން ފަށާފައިވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ޓީބީ ބަލި ދެނެގަތުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ 2 ސަރަހައްދެއްގައި ޖީން އެކްސްޕާރޓް މެޝިން ބެހެއްޓުމުގެ ވައުދުގެ ދަށުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެންނެވެ.

ތިނަދޫ ހޮސްޕިޓަލުގައި އޭގެ މެޝިނެއް ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާއިރު، މިމަހުގެ 7 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައިވެސް އެޚިދުމަތް ވަނީ ދޭން ފަށާފައެވެ.

ތިނަދޫ ހޮސްޕިޓަލުގައި އެޚިދުމަތް ފެށުމަށް އިއްޔެ ބޭއްވި ޚާއްސަ ޖަލްސާގައި އެ ޚިދުމަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހު ޢަބްދުލް މާހިރެވެ. އެ ހަފްލާގައި ޖީން އެކްސްޕާޓް މެޝިން ބޭނުން ކުރުމަށް ތަމްރީން ކުރި ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މި ޚިދުމަތަކީ މީގެ ކުރިން ހަމައެކަނި މާލެ ސަރަޙައްދުގައި ލިބޭ ޚިދުމަތެއް ކަމަށްވާއިރު މި ޚިދުމަތް ދިނުމަށް ބޭނުންކުރާ މެޝިނަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ޓީބީއަށް ޓެސްޓްކުރުމަށް ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ މެޝިނެކެވެ. މި މެޝިންގެ އެހީގައި ބޭހާ ނުލައިވެސް ޓީބީގެ އަސަރު ހުރިތޯ ބަލައިލެވެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ޖީން އެކްސްޕާރޓްގެ ޚިދުމަތާއި ޓީބީ ސްކްރީނިންގއަށް މި ޤާއިމުކުރެވޭ ސިސްޓަމުން ރާއްޖޭގައި ޓީބީ ޖެހިފައިތިބި މީހުން ދެނެގަނެވޭ ނިސްބަތް އިތުރު ކުރެވިގެންދާނެ ކަމަށެވެ.