ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދަބަސްތައް އެފްއޭއެމުން ނެރުނު - މިނިސްޓަރ ޢަލީ ވަޙީދު


އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދަބަސްތައް އެފްއޭއެމުން ނެރުނުކަމަށް، ޔޫތް މިނިސްޓްރީ ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި، މިނިސްޓާ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. މިނިސްޓާ ވިދާޅުވީ، މިނިސްޓްރީ އާއި އެއްވެސް ފަރާތަކާއި ދެމެދު އެއްވެސް މައްސަލަތަކެއް ޖެހިފައި ނުވާކަމަށައި، މައްސަލަ ޖެހިގެން އުޅެނީ އެފްއޭއެމް އާއި ކުލަބުތަކާއި މެދުގައި ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތެރެއަށް މިނިސްޓްރީން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި، އަދި ނުވެސް ފޯރުވާނެ ކަމަށެވެ.

ނަމަވެސް މިހާރުވެސް މިނިސްޓްރީ ބަދުނާމުކޮށް، ރަޢީސް ސާލިހުގެ އިސްތަށިފުޅުގައި ތުހުމަތުތަށް އަޅުވައިގެން ވާހަކަ ދައްކަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓާ ޢަލީ ވަޙީދު ވިދާޅުވީ ފީފާގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށާއި، އެޓީމާއި ބައްދަލުކޮށް އެފްއޭއެމުން ކޮށްފައިވާ ގާނޫނާއި ޚީލާފު ކަންކަން ސަމާލުކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން އެފްއޭއެމްގެ އިމާރާތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދަބަސްތައް ނެރިފައިވާ ކަމަށާއި، އެފްއޭއެމްގެ އިމާރާތުގައި ސިޔާސީ ހަރަކާތްތަށް ހިންގައި، ސިޔާސީ އޮފީސްތަށް ގާއިމުކޮށްފައިވާ މައްސަލަތައް ފީފާގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

އެފްއޭއެމުން މަސައްކަތް ކުރަނީ ފީފާގެ އުސޫލުތަކާއި އެއްގޮތަށް ކަމަށް އެއިދާރާއިން ބުނި ނަމަވެސް، ފީފާގެ އުސޫލުތަކާއި ޚިލާފަށް އަމަލުކުރާކަމުގެ ހެކި ދައްކާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބަލައިފިން ފީފާގެ ޤަވާއިދުގެ ކޮން މާއްދާއެއްގަތޯ އެފްއޭއެމް އިމާރާތުގަ ސިޔާސީ ހަރަކާތްތަށް ހިންގަން ހުއްދަ ދެނީ، އެބޭފުޅުން އެވިދާޅުވަނީ ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނީމޭ، އެހެންވީމާ އެބޭފުޅުންވެސް އެބަ އެއްބަސްވެލައްވާ އެކަން ކުރި ކަމަށް، އެކަމު ތިންވަނަ ފަރާތަކަށްވިޔަސް ކުއްޔަށްދީގެން އެތަނުގައި ކުރީގެ ފަސްޓަލޭޑީގެ ސިޔާސީ ހަރަކާތްރަކެއް ނުހިންގޭނެ، އެފްއޭއެމް ތެރެއިން ހިޔާނާތުގެ ފައިސާގެ ކަޅު ދަބަސްތަށް ނެރުނު، އެކަން އެއޮތީ ފެންނަށް، އިމީ މިހާރު ސިއްރުން ހިނގާފަވާ ކަންކަމެއް ނޫން، ތަހުގީގީ އިދާރާތަކުން އެހެރީ ހެކިތަށް ފެންނަށް، މިއީ ފީފާގެ އުސޫލުތަކާއި އެއްގޮތަށް އެފްއޭއެމް ހިންގުމެއް ނޫން،" މިނިސްޓާ ޢަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ފުޓުބޯޅަ މިހާ ދަށް ހާލަތަކަށް ވެއްޓެން ޖެހުނީ އެފްއޭއެމުން ކުޅިވަރު ސިޔާސީކޮށްގެންކަމަށާއި، މަޝްވަރާ ކޮށްގެން ކަންކަން ހައްލުކުރާކަމަށް ބުނި ނަމަވެސް އެފްއޭއެމުން އެކަން ނުކުރާކަމަށެވެ.