ތަޢުލީމު

ޔުނިވާސިޓީއާއި ޕެރެދެނިޔާ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއް


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ސްރީލަންކާގެ ޕެރެދެނިޔާ ޔުނިވަރސިޓީއާއެކު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޙަސަން ޙަމީދުއެވެ. އަދި ސްރީލަންކާގެ ޕެރެދެނިޔާ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ އަތޫލާ ސެނެރަތްނައެވެ.ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެޤައުމުގެ ޔުނިވަރސިޓީގެ ޘަޤާފީ އަދި ޢިލްމީ މުއާމަލާތްތައް ބަދަލުކުރުމާއި، ދަރިވަރުންނާއި މުދައްރިސުންނާއި އިދާރީ މުވައްޒަފުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި، މަންހަޖު ތަރައްޤީކުރުމުގެ އިތުރަށް ދިރާސާ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޤައުމީ ޔުނިވަރިސިޓީން މައުލޫމާތު ދެއްވައެވެ.މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޙަސަން ޙަމީދު ވިދާޅުވީ، މިއެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނުކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށެވެ.ޑރ. ޙަސަން ވިދާޅުވީ، ޕެރެދެނިޔާ ޔުނިވަރިސިޓީއާއެކު މީގެ ކުރިންވެސް ޤައުމީ ޔުނިވަރސިޓީން މުހިއްމު ޙަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.ޔުނިވަރިސިޓީ އޮފް ސިލޯންގެ ނަމުގައި ނަވަރާސަތޭކަ ސާޅީސް ދެވަނަ އަހަރު އުފެއްދި މިހާރުގެ ޕެރެދެނިޔާ ޔުނިވަރސިޓީއަކީ ފާއިތުވި ފަސްދޮޅަހެއްހާ އަހަރު ދުވަހު ތައުލީމީ ދާއިރާގައި އަގުހުރި ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ ޔުނިވަރސިޓީއެކެވެ.