ޚަބަރު

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭން ރައްޔިތުންނާއި ހިއްސާކުރުން މިރޭ


މާލޭ ސިޓީގެ ތަރައްޤީއަށް ގެންގުޅޭ ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން މިރޭ އޮންނާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ބައްދަލުވުން އޮންނާނީ މިރޭ 20:15 ގައި ދަރުބާރުގޭ ހަކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގެ އަހަރީ ރިޕޯޓް އާއްމުކުރުމާއި، މިވަގުތު މާލޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު މާލޭ ސިޓީގެ ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީކައުންސިލުން ބުނެއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން މާލޭ ސިޓީގެ ތަރައްޤީއަށް ސިޓީ ކައުންސިލުން ގެންގުޅުއްވާ ތަޞައްވުރު ރައްޔިތުންނާއި ހިއްސާކޮށް، އެކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމަށެވެ. އަދި މާލެއަށް ދިމާވެފައިވާ ތަފާތު އެކިއެކި އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނާއި ސިޓީ ކައުންސިލާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ސިފާ ވިދާޅުވިއެވެ.

މިއީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއްކަމުން، މާލޭ ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވުމަށް މާލޭ ސިޓީގެ މޭޔަރ ވަނީ އިލްތިމާސްކުރައްވާފައެވެ.