ޚަބަރު

މާލޭގެ އަނދިރި މަގުތައް އަލިކޮށް އަމާންކޮށް ބަލަހައްޓަނީ


މާލެތެރޭގައި އަނދިރިކޮށް ހުންނަ ސަރަހައްދުތައް އަލިކޮށް އަމާން ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ހައުސިން މިނިސްޓްރީއާ ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.މިކަމަށްޓަކައި ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝުކޫރުއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ކެބިނެޓުން ނިންމާފައިވާ މުހިންމު ކަންތައްތަކުގެ ތެރެއިން ހައުސިން މިނިސްޓްރީން މާލެ އަލިތަނަކަށް ހަދާ އަމާން ގޮތެއްގައި ރައްޔިތުންނަށް އުޅެވޭނެ ގޮތް ހައްދަވާދެއްވާނެކަމަށެވެ.މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ، މާލެތެރެ އަލިކޮށް ބޭއްވުމާބެހޭ މަސައްކަތް ވީހާ ވެސް އަވަހަށް ކުރިއަށް ގެންދާނެ ކަމަށާއި، ސްޓެލްކޯގެ މަގްސަދަކީ ވީހާ ވެސް އަލިކޮށް މާލެތެރެ ބޭއްވުން ކަމަށެވެ. ނަމަވެސް ކަންކަން ހުރި ގޮތުން އެކަމަކީ ވަގުތުން ވަގުތަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާ މި ޕްރޮޖެކްޓްގެ ދަށުން ދިއްލާ ސަރަހައްދުތަކުގެ ކަރަންޓު ބިލްތަކަށް ޗާޖްކުރުމަށް ހަމަޖެހިފައިވަނީ ހައުސިން މިނިސްޓްރީން ކަމަށް އެފަރާތުން ބުނެއެވެ.