ޚަބަރު

ޔޫއޭއީގައި ކުޅުނު ދެ މެޗްއިން ގައުމީ އަންހެން ޓީމްއަށް ހިއްވަރު ލިބިއްޖެ


ޔޫއޭއީގައި ދެމެޗް ކުޅުމަށްފަހު ގައުމީ އަންހެން ފުޓްބޯޅަ ޓީމް ނޭޕާލްއަށް ހިގައްޖެއެވެ. ނޭޕާލްއަށް އަންހެން ޓީމް ގޮސްފައިވަނީ ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެއެވެ. އެންހެން ޓީމް ޔޫއޭއީގައި ދެ މެޗް ކުޅެފައިވާއިރު، ޔޫއޭއީގެ ގައުމީ އަންހެން ޓީމްއާއެކު ކުޅުނު ފުރަތަމަ މެޗުން އަންހެން ޓީމް ބަލިވައިވަނީ 2 ލަނޑު 0 ލަނޑުންނެވެ. ދެވަނަ މެޗްގައި 0-0 އެއްވަރުކޮށްފައެވެ. ފުރަތަމަ މެޗުން ބަލިވެ، ދެވަނަ މެޗް އެއްވަރު ކުރުމަކީ އެންހެން ޓީމްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ގައުމީ އަންހެން ޓީމްއިން ދެކެއެވެ. ސާފް ޗެންޕިއަންޝިޕްއަށް އަންހެން ޓީމް ނޭޕާލްއަށް ގޮސްފައިވާއިރު، ޓީމްގެ އެންމެ މުހިންމު ދެ ކުޅުންތެރިންކަމުގައިވާ ސަންފާ އިބްރާހީމް އާއި އައިމިނަތު ޒާހިދާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޓީމް ފުރާފައިވަނީ އެ ދެ ކުޅުންތެރިން ނުލައިއެވެ. ސަންފަގެ ލިގަމެންޓްއަށް އަނިޔާވެފައިވަނީ ޔޫއޭއީގައި ފަރިތަކުރަމުންދަނިކޮށް އަދި އައިމިނަތު ޒާހިދާގެ އަތް ބިންދައިގެން ގޮސްފައިވަނީ ޑިސެންބަރު މަހުގެ ތެރޭގައި ބަޙްރެއިންއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗްގެ ތެރޭގައިއެވެ. މިދެ ކުޅުންތެރިންނަކީ މިހާރު ގައުމީ ޓީމްއަށް އެންމެ ގިނަ ދުވަސްވަންދެން ކުލެފައިވާ ދެ ކުޅުންތެރިންނެއެވެ. އެންމެ ފަހު ސާފް ޗެންޕިއަންޝިޕްގެ ތިންވަނަ ހޯދި ރާއްޖޭގެ ޓީމް މިފަހަރު ލައްވާލާފައިވަނީ ގުރޫޕް ބީގައެވެ. މިގުރޫޕްގައި ހިމެނެނީ މިސަރައްހަދުގެ އެންމެ ކާމިޔާބު ޓީމް އިންޑިޔާ އަދި ސްރީލަންކާއެވެ. ރާއްޖެ މުބާރާތުގައި ފުރަތަމަ ވާދަކުރާނީ އިންޑިޔާއާއި ދެވަނަ މެޗްގައި ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ.