ޚަބަރު

އިރާނުގެ ރައީސް އިރާޤަށް ކުރައްވާ ދަތުރުފުޅަށް ވަމުންދާ ތައްޔާރީތައް


އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އިރާގަށް ވަޑައިގެން އިރާގުގެ ޚާރިޖީ ވަޒީރު މުހައްމަދު އަލީ އަލްހަކީމާ ބައްދަލުކުރައްވައިފިއެވެ.

ޒަރީފްގެ މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ހޯމަދުވަހު އިރާގަށް ރަސްމީ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ އީރާނުގެ ރައީސް ހަސަން ރޫހާނީގެ ދަތުރުފުޅުގެ އެޖެންޑާ އާއި އެނޫންވެސް ތައްޔާރީތަކާ ބެހޭގޮތުން އިރާގުގެ މަސްއޫލުވެރިންނާ މަޝްވަރާކުރެއްވުންކަމަށް އީރާނުގެ ޚާރިޖިއްޔާއިން ބުނެއެވެ.

މީގެ އިތުރުން ސޫރިޔާއާއި ޔަމަންގައި ހިނގަމުންދާ ހަނގުރާމަތަކާއި،ފަލަސްތީނުގެ މައްސަލައާ ބެހޭގޮތުންވެސް ޒަރީފާއި މުހައްމަދު އަލީ އަލްހަކީމް މަޝްވަރާ ކުރެއްވިކަމަށް އީރާނުގެ ރަސްމީ މިޑީޔާއިން ބުނެއެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ހޯމަ ދުވަހު އިރާގަށް ވަޑައިގަންނަވަނީ އިރާގުގެ ރައީސް ބަރްހާމް ސާލިޙުގެ ދައުވަތަކަށް ކަމަށް އީރާނުގެ ރިޔާސީ އޮފީހުގެ މީޑިޔާގެ ކަންތައްތަކާބެހޭ ވެރިޔާ ޕަރުވޭޒް އިސްމާއީލީ ވިދާޅުވިއެވެ. ރޫހާނީގެ މި ދަތުރުފުޅުގައި އިރާގުގެ ރައީސް ބަރްހަމް ސާލިހްގެ އިތުރުން އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ އާއި އިރާގުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދުލް ހަލްބޫސީއާ ވަކިވަކިން ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރޫހާނީ އިރާގަށް ކުރައްވަނީ ތިން ދުވަހުގެ ދަތުރުފުޅެކެވެ. މި މިދަތުރުފުޅުގައި އިރާގުގެ ޝިޔައީންގެ އެންމެ އިސް މަރްޖައު އާޔަތުﷲ އަލީ އައްސިސްތާނީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.