ޚަބަރު

އެމެރިކާ އާއި ޠާލިބާނުންނާ ދެމެދު ޚިޔާލު ތަފާތުވެ ސުލްޙައިގެ ވާހަކަތަކަށް ހުރަސްއެޅިފައި


އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނެ ތާރީޚެއް ކަނޑައެޅުމުގައި ޠާލިބާނުންނާއި އެމެރިކާއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ޤަތަރުގައި ކުރިޔަށްދާ އެމެރިކާ އާއި ޠާލިބާނުންގެ ސުލްހައިގެ ވާހަކަތަކަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވާ ޠާލިބާނުންގެ ވަފުދާ ހަވަލާދީ ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނެ ތާވަލަކާބެހޭގޮތުން ތާލިބާނުންގެ ވަފުދާއި އެމެރިކާގެ މަންދޫބު ޒަލްމައި ޚަލީލްޒާދާ ދެމެދު ދެކެވުނު ވާހަކަތައްވަނީ، ޚިޔާލު ތަފާތުވުމުގެ ސަބަބުން ކޮޅެއްގައި ނުޖެހި ނިމިފައެވެ.

އެހެން ނަމަވެސް ޠާލިބާނުންގެ ވަފުދާއި އެމެރިކާގެ މަންދޫބު ޒަލްމާއި ޚަލީލް ޒާދާ ދެމެދު ސުލްޙައާބެހޭ އެނޫން މަޝްވަރާތައް ކުރިޔަށްދާކަމަށް ޚަބަރުތައް ބުނެއެވެ. ޤަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެ ޤައުމުގެ ވެރިރަށް ދޯހާގައި ކުރިޔަށްގެންދާ އެމެރިކާ އާއި އަފްޣާނިސްތާނުގެ ޠާލިބާނުންގެ މަޝްވަރާތައް ބިނާކޮށްފައިވަނީ، އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާއި، ޠާލިބާނުން ހަތިޔާރު ދޫކޮށް ސިޔާސީ ޖަމާއަތަކަށް ވުމުގެ އަސާސްގެ މައްޗަށެވެ.

އެހެން ނަމަވެސް އަފްޣާނިސްތާނުގެ ސަރުކާރާއެކު ސުލްޙައިގެ ވާހަކަތައް ދެއްކުމަށް ޠާލިބާނުން ދެކޮޅު ހަދާތީ އާއި ކުރު މުއްދަތެއްގެ ތެރޭގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ޠާލިބާނުން ޝަރުތުކުރާތީ މިވާހަކަތައް ކާމިޔާބުވެފައެއް ނުވެއެވެ.