ޚަބަރު

އިތޮއޯޕިޔާގެ މަތިންދާބޯޓެއް ވެއްޓި 46 ފަސިންޖަރުންނާއި 8 ފަޅުވެރިން މަރުވެއްޖެ


އިތިއޯޕިޔާގެ އެޑިސް އަބަބާއިން ފުރައިގެން ކެންޔާގެ ނައިރޯބީ އަށް ދަތުރުކުރި އިތިއޯޕިޔާގެ ފަސިންޖަރު މަތިންދާބޯޓެއް ވެއްޓި، އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

އިތިއޯޕިޔާގެ ޤައުމީ އެއަރލައިން "އިތިއޯޕިޔަން" އިން ބުނީ، ވެއްޓުނީ އެ އެއަރލައިންގެ ބޮއިންގް ހަތެއް ތިނެއް ހަތެއް- އަށްސަތޭކަ މެކްސް މަރުކާގެ ބޯޓެއްކަމަށާއި، އެބޯޓު ވެއްޓުނީ އެޑިސް އަބާބާގެ އިރުދެކުނުން ފަސްދޮޅަސް ދެ ކިލޯމީޓަރު ދުރުގައިވާ ރަށްފުށުގެ ސަރަހައްދަކަށް ކަމަށެވެ.

އިތިއޯޕިޔާގެ ޤައުމީ އެއަރލައިންގެ ފްލައިޓް ނަންބަރު އޭޓީ ތިންސަތޭކަ ދޭއްގެ ބޯޓުން ދަތުރުކުރީ ސަތޭކަ ސާޅީސް ނުވަ ފަސިންޖަރުންނާއި އަށް ފަޅުވެރިންކަމަށާއި، މި ހާދިސާގައި އެ ހުރިހާ އެންމެންވެސް މަރުވެފައިވާކަމަށް އެ އެއަރލައިންސް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އިތިއޯޕިޔާގެ ގައުމީ އެއަރލައިންސް އަކީ އެފްރިކާގެ އެންމެ ބޮޑު އެއަރލައިނެވެ. އެ އެއަރލައިނުން މިދިޔައަހަރުވެސް ދިހަ މިލިޔަން މީހުން ދަތުރުކޮށްފައިވެއެވެ.

މި ޙާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމަށްޓަކައި ތަޙުޤީޤު ފެއްޓުމަށް އިތިއޮޕިޔާގެ ބޮޑުވަޒީރު އަބީ އަހްމަދު ވަނީ އަމުރުކުރައްވާފައެވެ. އަދި އަބީ އަހްމަދުވަނީ، އިތިއޯޕިޔާގެ މަތިންދާބޯޓު ވެއްޓުނު ޙާދިސާގައި މަރުވި އެންމެންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ މެސެޖެއްވެސް ފޮނުއްވާފައެވެ.