ސިޔާސީ

ޕެންޝަން ފައިސާ ލިބޭ އުމުރު 60 އަހަރަށް ބަދަލުކުރަން ހުށައަޅައިފި


ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު ޕެންޝަން ސްކީމްގެ ފައިސާ ލިބޭ އުމުރު 65 އަހަރުން 60 އަހަރަށް ބަދަލުކުރުމަށް ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.މިހާރު ޕެންޝަނާ ބެހޭ ޤާނޫނުގައި ވާގޮތުން ޕެންޝަން ފައިސާ ލިބޭ އުމުރަކީ 65 އަހަރެވެ.ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކް ހުށައެޅުއްވި އިސްލާހާ ގުޅޭގޮތުން އޭނާ ވިދާޅުވީ، މިހާރު ޤާނޫނުގައިވާގޮތުން ފަންސާސް ފަސްއަހަރުގައި ވަޒީފާއިން ވަކިވިނަމަވެސް ޕެންޝަން ފައިސާ ލިބެނީ ފަސްދޮޅަސް ފަސްއަހަރުވުމުން ކަމަށް އޮތުމުން ދިހަވަރަކަށް އަހަރު ވަންދެން އެފައިސާ ނުލިބި ބައެއް ފަރާތްތަކަށް ތިބެންޖެހޭކަމަށެވެ.އެހެންކަމުން ޕެންޝަން ފައިސާ ލިބޭ އުމުރު ފަސްދޮޅަސް އަހަރަށް ބަދަލުކުރަން ހުށައެޅީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށް މޫސަ މަނިކު ވިދާޅުވިއެވެ.އެހެންނަމަވެސް އެމީހަކަށް ޕެންޝަން ފައިސާ ލިބޭނީ ރިޓަޔަރ ކުރުމަށްފަހު ފަސް ދޮޅަސް އަހަރުވާއިރު އެހެން ވަޒީފާއެއް އަދާ ނުކުރާނަމަ ކަމަށްވެސް މޫސާ މަނިކް ހުށައެޅުއްވި އިސްލާހުގައި ބުނެފައިވެއެވެ.މީގެ އިތުރުން މޫސާ މަނިކު ވަނީ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށްވެސް އިސްލާހެއް ހުށައަޅުއްވާފައެވެ. އެއިސްލާހުގައި ވާގޮތުން، ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ބާއްވާ އިންތިޚާބު ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުންނެވެ.މި އިސްލާހު ހުށައެޅުއްވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ އިންތިޚާބު އިންސާފްވެރިކަމާއިއެކު ބޭއްވުމުގެ މަޤްޞަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް ހުށައެޅީ މާޒީއަށް ބަލާއިރު، ސިޔާސީ ޕާޓީތައް ހިންގަން ތިބި އިސްފަރާތްތަކަށް ޕާޓީގެ ތެރޭގައި މައްސަލަ ނުޖެހި ޕްރައިމަރީއަށް ވާދަކުރެވޭނެ ފުރުސަތު ހޯދައިދިނުމަށް ކަމަށްވެސް މޫސާ މަނިކް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މުސްތަގުބަލްގައި ޕާޓީތަކުގެ ހިންގުން ވަރުގަދަ ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.