ސިޔާސީ

ނާޒިމްގެ ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވުން މިއަދު ހަވީރު


ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާރޑް މުޙައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޚުލާސާ ބަޔާން އިއްވުން މިއަދު ހަވީރު 4 ޖަހާއިރަށް ފަސްކޮށްފިއެވެ.ރޭ އޮތް އަޑުއެހުމުގައި ޚުލާސާ ބަޔާން ނަގާގޮތަށް ކުރިން ނިންމާފައިވީނަމަވެސް އެކަން ފަސްކޮށްފައިވަނީ ޝަރީއަތުގެ އަޑުއެހުންތަކުގައި ހެކިވެރިން ދީފައިވާ ބަޔާންތަކުގެ ރިކޯޑިންގ އަޑުއަހައި ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ނާޒިމްގެ ޤާނޫނީ ޓީމުން ބުނުމާގުޅިގެންނެވެ.މައްސަލަ ބައްލަވާ އިސް ޤާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ މިއަދަކީ ޚުލާސާ ބަޔާން އިއްވުމަށް ލިބޭނެ އެންމެ ފަހު ފުރުސަތުކަމަށެވެ.ރޭ ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ ނާޒިމް ދިރިއުޅުއްވާ ގެއިން ފެނުނުކަމަށް ބުނާ ހަތިޔާރު ފުލުހުންގެ ގެންގުޅެފައިވާ ގޮތް ދައްކުވައިދޭ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓާ ބެހޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދެއްވާފައެވެ. އެގޮތުން ނާޒިމްގެ ޤާނޫނީ ޓީމުން ވަނީ ޗެއިން އޮފް ކަސްޓަޑީ ފޯމާއި ޝަރީއަތުގައި ހެކިން ދީފައިވާ ހެކިބަހާ ދިމާނުވާކަމަށް ބުނެފައެވެ. އަދި ނާޒިމް ދިރިއުޅުއްވާ ގެއިން ފެނުނުކަމަށް ބުނާ ތަކެއްޗާމެދު އަމަލުކޮށްފައިވަނީ އެކިގޮތަށްކަމަށްވެސް ތުހުމަތުކޮށްފައެވެ.އެހެންނަމަވެސް ދައުލަތުގެ ވަކީލުން ބުނެފައިވަނީ އެތަކެއްޗާމެދު އަމަލުކޮށްފައިވާނީ އާންމުކޮށް ފުލުހުން އަމަލުކުރާ އުސޫލުންކަމަށެވެ.ރޭގެ އަޑުއެހުމުގައިވެސް ދިފާޢީ ވަކީލުން ވަނީ ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާކަމަށްބުނެ އެކަމުގެ ހުއްދައަށް އަނެއްކާވެސް އެދިވަޑައިގަންނަވާފައެވެ. އެހެންނަމަވެސް ޝަރީއަތުގެ މަޖިލީހުން އެކަމަށް ހުއްދަ ދެއްވާފައެއްނުވެއެވެ.