ސިޔާސީ

ކޮރަޕްޝަންގެ މައްސަލަތަކުން މިދިޔަ އަހަރު ދަޢުލަތަށް 1.9 ބިލިއަން ރުފިޔާ ލިބެންޖެހޭ - އޭސީސީ


ދެހާސް އަށާރަވަނަ އަހަރުގެ ތެރޭގައި، ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް 1.9 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފިއެވެ.

އޭސީސީން މިއަދު ޢާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ދަޢުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށްޓަކައި ކަމާބެހޭ އެކި އިދާރާތަކުގައި އެ ކޮމިޝަނުން އެދިފައިވާނެ ކަމަށެވެ. އޭސީސީން ބުނީ ކޮރަޕްޝަނުގެ ޢަމަލުތަކުގެ ސަބަބުން ގެއްލިގެންދާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރެވެންޖެހޭ ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، އެކިފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާފައިވާ 652 މައްސަލައިގެ އިތުރުން، އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް 278 މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރުގެ ތެރޭގައި 930 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ. އޭސީސީން ބުނީ މިދިޔަ އަހަރު އެ ކޮމިޝަނުން އިސް ނަގައިގެން ބެލި މައްސަލައިގެ ޢަދަދު 2017ވަނަ އަހަރާއި އަޅާ ބަލާއިރު 106 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން 2017 ވަނަ އަހަރު ކޮމިޝަންގެ އިސްނެގުމަށް ބަލާފައިވަނީ 135 މައްސަލައެވެ. އަހަރު ނިމުނު އިރު ކޮމިޝަންގައި ނުނިމިހުރި މައްސަލަތަކަށް ބަލާއިރު، 2017 ވަނަ އަހަރު ނިމުނުއިރު 1311 މައްސަލައެއް ނުނިމިއޮތްއިރު، 2018 ވަނަ އަހަރު ނިމުނުއިރުނުނިމިއޮތީ 532 މައްސަލަ ކަމަށްވެސް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އޭސީސީން ބުނީ އެއީ 2017ވަނަ އަހަރަށްވުރެ 7 އިންސައްތައިގެ ކުރި އެރުމެއް ކަމަށެވެ.