ޚަބަރު

އަމާންކަން ނަގާލަން ބޭރުގެ ފަރާތްތަކަށް ފުރުސަތު ދެވިގެން ނުވާނެ-


ކޮންމެ ގައުމެއްގައި ވެސް ނުހުޅުވޭނެ އަދި ގިރާ ނުކުރެވޭނެ ދޮރުތަކެއް ހުންނާނެކަމަށާއި، އެ ދޮރުތައް ހުޅުވަން ބައެއް ފަރާތްތަކުން ބޭރުގެ ބޮޑެތި ބާރުތަކުގައި ޓަކި ޖަހާކަމަކީ ހިތާމަ ހުރި ކަމެއް ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، ދިވެހިން އަދިވެސް ތިބީ އަމާންކަމަށް އެދިއެދި ކަމަށާއި، ރާއްޖޭގައި މިއޮތް އަމާންކަން ނަގާލުމަށް ބޭރުގެ ފަރާތްތަކަށް ޖާގަ ދެވޭކަށް ނޯންނާނެކަމަށެވެ.ހޯމް މިނިސްޓަރ ގެ ވާހަކަފުޅުގައި، ހުރަވީ ދުވަސް ނިސްބަތްވާ ދޮންބަނޑާރައިން ކުރެއްވި އަގުހުރި ޖިހާދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވި.ހޯމް މިނިސްޓަރ އުމަރު ނަސިރު ވިދާޅުވީ، ހުރަވީ ދުވަހުން  ދިވެހިންގެ އަރުތަކުގައި ހިނގަނީ، އަމިއްލަ ގައުމަށް ޚިޔާނާތްތެރިވުމުގެ ހިތިރަހަކަށާއި، ހަމަ އެހެއްމެ، އެދުވަހު އަޅުގަނޑުމެންގެ ނާރުތަކުގައި ދޮންބަންޑާރައިންފަދަ  އަމިއްލަ ގައުމަށް ވާފާތެރިވި  ނަސީބުވެރި ލޭ ދައުރުކުރުވާކަމަށެވެ.މިނިސްޓަރ ވިދާޅުވީ، ދިވެހި ގައުމުގެ މިނިވަންކަން ދެމެހެއްޓޭނީ، މިނިވަން ޚިޔާލުގައި ގައުމުގެ ސަލާމަތާއި، ސިޔާދަތައްޓަކައި އަލަންޖެހުނުކޮށްމެ ފިޔަވަޅެއް އަޅައިގެންކަމައްވާއިރު، އެކަމުގައި ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާ އަދާކުރަން ޖެހޭކަމަށެވެ.ކޮންމެ މީހަކު ނަމަވެސް ގޯސްކޮށް ކަމެއް ކޮށްފިނަމަ އެމީހަކާމެދު އިންސާފުވެރިކަމާއެކު އަމަލުކުރަންޖެހޭކަމަށާއި ދިވެހިގައުމު އޮތީ މިހާރުވެސް އަމާންކަމަށް އެދިއެދި ކަމަށެވެ. އެހެންކަމުން އެއަމާންކަން ގެނައުމަށް ގާނޫނުތަކަށް ބަދަލްގެންނަމުންދާކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.ކުށްތަކަށް ހިތްވަރުދިނުމާއި، ކުށްކުށަށްގޮވާލުންފަދަ އަމަލުތަކުން ދުރުހެލިވާންޖެހޭ ކަމަށާއި، ކުށްވެރިންނަށް ގާނޫނީ އެހީތެރިކަން ދިނުމުގައި ގާނޫނީވަކީލުން، އެފަދަ ފަރާތްތަކަށް ގާނޫނުން ރެކިގެން ކުށްކުރާގޮތް ބުނެދިނުމުން ދުރުހެލިވާންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ބޭރުގެ ގައުމުތަކާއި ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއްކަމަށާއި، ސަމާލުވާންޖެހޭނީ ބައެއްގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ނުގެންދިއުމަށްކަމަށެވެ.ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާގައި  ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަންބަލުންގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ގިނަ ފަރާތްތައް ބައިވެރިވެފައިވެއެވެ.ރޭގެ ޖަލްސާގައި ހުރަވީ ދުވަހާއި ގުޅިގެން މާލޭގެ ބައެއް ސްކޫލްތަކުންވަނީ ޚާއްސަ އައްޓަމްތަކެއްވެސް ހުށައަޅާފައެވެ.ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ޖުމާދުލްއާޚިރާ މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަމުންދަނީ، އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީ ނޫންނަމަ ދޮންބަންޑާރައިން، ހޮޅީންގެ ކިބައިން ރާއްޖެ މިނިވަން ކުރެއްވިތީ، ދޮންބަންޑާރައިން ގެނެސްދެއްވި މިނިވަންކަމާއި ގައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހިންގެ ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ މަގުސަދުގައެވެ.