ވިޔަފާރި

ދިވެހި މަސްވެރިންގެ ކޯޕަރޭޓިވުން "ގަރަދަ" ނަމުގައި ރިހާކުރު ބްރޭންޑެއް ލޯންޗްކޮށްފި


ދިވެހި މަސްވެރިންގެ ޖަމުޢިއްޔާގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަން ފަށާފައިވާ، ދިވެހި މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީން "ގަރަދަ" ނަމުގައި ރިހާކުރު ބްރޭންޑެއް ތަޢާރަފްކޮށްފިއެވެ.

އެ ބްރޭންޑު ތަޢާރަފްކޮށްފައިވަނީ، އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ވެރިންނަށް ދޮށީގެ މަސްވެރިކަން ދަސްކޮށްދިނުމަށް މަސްވެރިންގެ ޖަމުޢިއްޔާއިން އިއްޔެ ބޭއްވި ހަރަކާތުގައި ބޭނި މަސް ކެއްކުމަށްފަހުއެވެ. އެގޮތުން އިއްޔެ 300 ކިލޯގެ މަސްބާނާފައިވާއިރު، މަސްބޭނުމަށްޓަކައި އެންދެމުމާއި މަސް ބޭނުމުގައި އަންހެނުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

އިއްޔެ ބޭނި މަސް ގެމަނަފުއްޓަށް ގެނެސް، ކައްކައި، އޭގެން ރިހާކުރު ހެދުމަށްފަހު މިއަދު އެ ރިހާކުރު ވަނީ ފުޅީގައި ބަންދުކޮށްފައެވެ. އަދި ކެއްކި މަސް ހިއްކައި، އެތަކެތިވެސް ވިއްކުމަށް ހަމަޖައްސާފައިވާކަމަށް މަސްވެރިންގެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

"ގަރަދަ" އަކީ ހުވަދޫ ބަހެކެވެ. އެ އަތޮޅު ދެބަޔަށް ބަހާލެވިފައިވާއިރު، "ގަރަދަ" އަކީ އެ އަތޮޅު އުތުރުބުރީ ރަށްތަކުގައި ރިހާކުރަށް ކިޔައި އުޅޭ ނަމެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މަސްވެރިންގެ ޖަމުޢިއްޔާގެ ރައީސް، އަހުމަދު ޝާފިއު ވިދާޅުވީ، "ގަރަދަ" ބްރޭންޑަކީ ދިވެހި މަސްވެރިންގެ ކޯޕަރޭޓިވްގެ ބްރޭންޑެއް ކަމަށާއި، އެ ބްރޭންޑު ވަރަށް އަވަހަށް ދިވެހި ބާޒާރަށް ނެރޭނެ ކަމަށެވެ. އަދި، މިވަގުތު އެ ބްރޭންޑުގެ ރިހާކުރު އެއްވެސް ފިހާރައަކުން ލިބެން ނުހުންނާނެ ކަމަށާއި، މިއަދު ލޯންޗު ކުރި ރިހާކުރަކީ އެ ބްރޭންޑުގެ ފުރަތަމަ ބެޗް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޯޕަރޭޓިވް ސޮސައިޓީގެ ލޭބަލްގަ ރާއްޖޭގެ ބާޒާރުތަކަށް ވަރަށް އަވަހަށް ނެރޭނަން. ރިހާކުރާ ވަޅޯ މަހުގެ ބާވަތްތަކާއި މަސްވެރިކަމުން ނުވަތަ މަހުން ދިވެހިން މު އުފައްދާ ހުރިހާ ބާވަތްތަކެއް އަޅުގަނޑުމެން ބަލާނަން މާކެޓްކޮށް އަޅުގަނޑުމެންގެ މި ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެން ބޭފުޅުންނަށް އޭގެ މާކެޓެއް ހޯދަދީ އެބޭފުޅުންނަށް މަގުފަހި ކޮށްދިނުމަށް،" ޝާފިއު ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ހަރަކާތަކީ، "ގާބިލް އަންހެނުން" ޝިއާރުގެ ދަށުން ބީއެމްއެލްގެ ބައެއް އަންހެން މުވައްޒަފުންނާއި، ގެމަނަފުށީ ކަނބަލުންގެ ބައިވެރިވުމާއެކު ބޭއްވި ހަރަކާތެކެވެ. އެ ހަރަކާތުގައި 28 ކަނބަލުން ބައިވެރިވެފައިވާއިރު، އިވެންޓު ނިމިފައިވަނީ ކާމިޔާބުކަމާއެކުއެވެ.