ޚަބަރު

މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަން ނިންމާލައިފި


ކާމިޔާބު ކަމާއިއެކު މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަން ނިންމާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ފަތިހު ފެށި މި ހަރަކާތް ނިންމާލާފައިވަނީ އިއްޔެ ހަވީރު ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޭއްވި ދުވުމަކާއިއެކުއެވެ. ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި އިވެންޓުގެ ވާދަވެރި ހަތަރު ކެޓެގަރީގައި 1600 އެއްހައި ދުވުންތެރިން ވަނީ ބައިވެރި ވެފައެވެ.

ފުލް މެރެތަން ނުވަތަ 42 ކިލޯމީޓަރު ދުވުމުގައި 32 ދުވުންތެރިން ވާދަކުރިއިރު، އެންމެ ފުރަތަމަ ނިންމި ފިރިހެން ދުވުންތެރިއަކީ އިންޑިއާގެ ލަލް ބަހާދުރް ނަޔަކްއެވެ. އޭނާ ރޭސް ނިންމީ 3 ގަޑިއިރާ 35:05 އިންނެވެ. ދެވަނައަށް ނިންމީ ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ އަޙުމަދު އާތިފްއެވެ. އޭނާ ރޭސް ނިންމީ 3 ގަޑިއިރާ 44:08 އިންނެވެ. ތިންވަނައަށް ނިންމީ 3 ގަޑިއިރާ 47:27 އިން ދުވި މުޙަންމަދު މުހާއެވެ.

ފުލް މެރެތަން އެއްވަނައަށް ނިންމި އަންހެން ދުވުންތެރިއަކީ، މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގެ އެމްބެސެޑާ، މިލިންދް ސޯމަންގެ އަންހެނުން އަންކީތާ ކޮންވާރްއެވެ. އޭނާ ރޭސް ނިންމީ މިލިންދް ސޯމަން އާއިއެކު 5 ގަޑިއިރާ 11:32 އިންނެވެ. ދެ ދުވުންތެރިންވެސް ރޭސް ނިންމާފައިވާނީ ބެއާފޫޓް ރަން ޕްރޮމޯޓް ކުރުމުގެ ގޮތުން ފައިވާނުގައި ދުވެގެންނެވެ.

މި ދުވުމުގެ ހާފް މެރެތަން ނުވަތަ 21 ކިލޯމީޓަރު ދުވުމުގައި ގައި 100 ދުވުންތެރިން ވާދަކުރިއިރު، 10 ކިލޯމީޓަރު ދުވުމުގައި 300 ދުވުންތެރިން ވަނީ ދުވެފައެވެ. އަދި 5 ކިލޯމީޓަރު ދުވުމުގައި 1200 ދުވުންތެރިން ވަނީ ދުވެފައެވެ.

މިހަރަކާތް ނިންމާލުމުގެ ގޮތުން ބޭއްވި 3.2 ކިލޯމީޓަރާއި، 1.6 ކިލޯމީޓަރާއި، 800 މީޓަރު ދުވުމުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބެލެނިވެރިންނާއިއެކު ދުވެފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ބޭއްވި ސީނިއާ ޕަވާވޯކްސްގައި 23 ދުވުންތެރިން ބައިވެރިވިއެވެ.

މިއީ މާލެ އާއި ހުޅުމާލެ އެކުލެވޭ ރޫޓެއްގައި ދުވި ފުރަތަމަ ދުވުންކަން ފާހަގަ ކޮށްލެވެއެވެ.