ވިޔަފާރި

ވިޔަފާރި މެނޭޖްކުރުމާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް އެމްސީޑީޖީއައި އިން ފަށައިފި


ވިޔަފާރި މެނޭޖްކޮށް، ހަރުދަނާ ކަމާއިއެކު ވިޔަފާރި ކުރިއަށް ގެންދިޔުމާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް އެމްސީޑީޖީއައި އިން ފަށައިފިއެވެ.

މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމަންޓް އެންޑް ގަވަރނަންސް އިންސްޓިޓިއުޓް، އެމްސީޑީޖީއައި، އިން ދެ ދުވަހުގެ މުއްދަތަކަށް ސްޓެލްކޯގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި ހަތާވީސް ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން އެމްއެމްއޭ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން، މޯލްޑިވްސް ޕޯސްޓް ލިމިޑެޓް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުފަދަ ތަންތަނުން ވަނީ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމުގައި ކީ ނޯޓް ސްޕީކަރއެއްގެ ގޮތުގައި ވާހަކަދެއްކެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފައިނޭންސް އިސްމާއިލް އަލީ މަނިކެވެ.

އެމްސީޑީޖީއައި ދަނީ ކޯޕަރޭޓް ގަވަރނަންސް އަދި ޤާބިލިއްޔަތުކަން އިތުރުކުރުން ފަދަ ދާއިރާތަކަށް ޙާއްސަކޮށްގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ.