ޚަބަރު

ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވާން އަހުސަން އަށް އަންގައިފި


ޤައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވަން، މުޙައްމަދު އަހުސަން އަށް ވީއޭއެމުން އަންގައިފިއެވެ.

އަހުސަން އަށް ފަރިތަކުރުންތަކުގައި ބައިވެރި ނުވަން އަންގާފައިވަނީ، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ، މުޙައްމަދު ޝާފީ ވައިބާ މެދުވެރިކޮށް އަހުސަން އަށް ކުރި މެސެޖެއްގައެވެ. މި މެސެޖުގައި، ވަކިގޮތެއް އަންގަންދެން ފަރިތަކުރުންތަކުގައި ބައިވެރި ނުވަން އެންގި ނަމަވެސް، ފަރިތަކުރުންތަކުގައި ބައިވެރިނުކުރަން ނިންމި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.

މިކަމާއިގުޅިގެން އެސޯސިއޭޝަންގެ ރަޢީސް، މުޙައްމަދު ލަތީފަށް އެންމެ ފުރަތަމަ ފޯނުން ގުޅުމުން ވިދާޅުވީ، އެއީ ރައީސް ލަތީފަށް އެނގިގެން ވީކަމެއް ނޫން ކަމަށާއި، ކުޅުންތެރިއަކަށް އެފަދަ ފިޔަވަޅެއް އެޅިކަން އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ފަހުން ލަތީފް ވިދާޅުވީ، އެޚަބަރު އެންމެ ފުރަތަމަ އިވުމާއިއެކު ހައިރާންކަމެއް ލިބުނު ކަމަށާއި، އެއާއެކު ކިހިނެއް ވީ ކަމެއްތޯ ބެލި ކަމަށެވެ.

ލަތީފް ވިދާޅުވީ އަހުސަން ސަސްޕެންޑްކޮށް ޓީމުން ބާކީ ނުކުރާ ކަމަށާއި، ނަމަވެސް ފަރިތަކުރުންތަކުގައި ބައިވެރި ނުވަން އަންގާފައިވާ ކަމަށެވެ. އަދި އެގޮތަށް އެންގީ ޚާޒިރީގެ މައްސަލަތަކެއް އުޅޭތީއާއި، ޑިސިޕްލިން މައްސަލަ ތަކަކާއިހުރެ ދެ ފަހަރެއްގެ މަތިން ކޯޗު ނަސޭހަތްތެރި ވުމުންވެސް މާބޮޑު ހައްލެއް ނުފެނުމުން، އެކަން ބެލުމަށް އެކްސްކޯއިން ކޮމިޓީމެއް އެކުލަވާލައި، އެ ކޮމިޓީއަށް ޚާޒިރުވާން އެންގުމުންވެސް ޚާޒިރުވެފައި ނުވާތީ ކަމަށެވެ.

މިވާހަކަތަކާއި ގުޅިގެން އަހުސަން ބުނީ، ކޮމެޓީން ހާޒިރުވާން އެންގުމުން ދިޔަ ކަމަށާއި، ދިޔައިރު އެސޯސިއޭޝަން ހުރީ ތަޅުލާފައި ކަމަށެވެ. އަދި އެނބުރި އައީ އެސޯސިއޭޝަން ކުރިމަތީގައި ފަނަރަ ވަރަކަށް މިނެޓު އިނދެފައި ކަމަށާއި، އެނބުރި އައިސް ހެޑް ކޯޗް މުޙައްމަދު ސާޖިދުއަށް އެންގި ކަމަށެވެ. ނަމަވެސް އިރުކޮޅެއް ފަހުން ޖެނެރަލް ސެކެޓްރީ ޝާފީ ވައިބާ މެސެޖެއް މެދުވެރިކޮށް ޕްރެކްޓިހުގައި ބައިވެރި ނުވަން އެންގީ ކަމަށެވެ.

އަހުސަން ބުނީ، މިމެސެޖު ލިބުމާއިއެކު ވަގުތުން އެކަން ކޯޗް ސާޖިދަށް ރިޕޯޓް ކުރުމުން، އަލުން ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިފައިވާ ކަމަށް ކޯޗް ސާޖިދު ބުނި ކަމަށެވެ.

އަހުސަން ބުނީ، ހާޒިރީގެ މައްސަލައެއް ހުރެދާނެކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށާއި، ޕްރެކްޓިހަށް ވަގުތުކޮޅެއް ލަހުން ދެވުނަސް، ކުރީބައިގަ އެކަން ސަބަބާއިއެކު ހެޑް ކޯޗަށް އަންގާފައިވާނެ ކަމަށެވެ.

ފަރިތަކުރުންތަކުގައި ބައިވެރިނުވަން އެންގި ނަމަވެސް އަދިވެސް ސަބަބު ބަޔާންކޮށް ރަސްމީ ލިއުމަކުން އަހުސަންއަށް އެއްވެސް އެންގުމެއް އަންގާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.