ޚަބަރު

ޔުނައިޓެޑު ހޯދި ތާރީޚީ މޮޅަށް މޮރީނިއޯ ތަޢުރީފު ކޮށްފި



ޔޫއެފާ ޗެމްޕިއަންސް ލީގުގައި، މެންޗެސްޓާ ޔުނައިޓެޑުން ހޯދި ތާރީޚީ މޮޅަށް، އެކުލަބުގެ ކުރީގެ ކޯޗް ހޯސޭ މޮރީނިއޯ ތައުރީފް ކޮށްފިއެވެ.

މޮރީނިއޯ ބުނީ މެޗުގެ ފަހު ވަގުތުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓިއަކީ ރަނގަޅު ޕެނަލްޓީއެއް ކަމަށެވެ. މޮރީނިއޯ ބުނީ، ރެފްރީންނަށްވެސް ނުބައިކޮށް ނިންމުމެއް ނިންމިދާނެ ކަމަށާއި، ވީއޭއާރު ބޭނުންކުރަން ޖެހެނީ އެ ސަބަބައްޓަކައި ކަމަށެވެ. އަދި ވީއޭއާރު ބެލުމަށްފަހު ގޯސް ނިންމުމެއް ނިންމާނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ، މިފަހަރުގެ ޗެމްޕިއަންސް ލީގަކީ ތަފާތު މުބާރާތެއް ކަމަށާއި، މިހާތަނަށް ނިކުންނަނީ އެންމެ ހީނުކިރާ ނަތީޖާތަށް ކަމަށެވެ. އެހެންކަމުން މިފަހަރުގެ ފައިނަލުގައި ކުޅޭނެ ދެޓީމެއް ބުނަން ނޭންގޭ ކަމަށާއި، ޗެމްޕިއަންކަން ހޯދާނީވެސް އެންމެ ހީނުކުރާ ޓީމު ކަމަށެވެ.

މުސްތަގުބަލަށް އަލިއަޅުވާލައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، ޕްރީ ސީޒަނަށް ކުލްބާއި ގުޅޭނެ ކަމަށެވެ. ނަމަވެސް އޭނާ ގުޅޭނެ ވަކި ކުލަބެއް އޭނާ ބުނެފައެއް ނުވެއެވެ.

ސްޕެއިންގެ ކުޅިވަރު ހަބަރު ފަތުރާ މީޑިއާތަކުން އަންނަނީ، އޭނާ އަލުން ރެއާލް މެޑްރިޑުގެ ކޯޗުކަމާއި ހަވާލުވާން އުޅޭކަމަށް ރިޕޯޓް ކުރަމުންނެވެ. މިގޮތަށް އަޑު ފެތުރިފައި މިވަނީ، ނަތީޖާތަށް ގޯސް ވުމުގެ ސަބަބުން ރެއާލްގެ މިހާރުގެ ކޯޗް ސަންތިއާގޯ ސޮލާރީ މަގާމުން ވަކިކުރަން އުޅޭކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.