ވިޔަފާރި

ކޮމެޕެނީ ސެކްރެޓަރީންނަށް އަމާޒްކޮށްގެން ސީއެމްޑީއޭއިން، ތަމްރީން ޕްރޮގްރާމެއް ހިންގަނީ


ކޮމެޕެނީ ސެކްރެޓަރީންނަށް އަމާޒްކޮށްގެން ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ސީއެމްޑީއޭއިން ނިންމައިފިއެވެ.

އަންނަ މަހުގެ ދިހައަކުން އެގާރައަށް ބާއްވާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ބުނީ، ކުންފުނިތަކުގެ ސެކްރެޓަރީންނަކީ ކުންފުނިތައް ހިންގުމުގައި މުޙިއްމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ޗެއަރމަން އަދި ބޯޑު މެންބަރުންނަށް ލަފާދީ އެންމެ އެދެވޭ ނިންމުންތައް ނިންމުމުގައި ކޮމްޕެނީ ސެކްރެޓަރީން މުޙިއްމު ރޯލެއް އަދާކުރެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި މިހާރުވެސް ކުންފުނިތަކުގައި ސެކްރެޓަރީންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ސެކްރެޓަރީންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ މީހުނަށް ބައިވެރިވެވޭނެ ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

ސީއެމްޑީއޭއިން ދަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަކީ ޤާބިލް ބަޔަކަށް ހެދުމަށްޓަކައި އެކި އެކި ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ.