ދައުލަތުން ދައުވާކުރާ މަނީލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ކޯޓު އަމުއްރެގެދަށުން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ނުބެހެއްޓޭނެ ކަމަށާ ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ޤާސިމް މިގޮތަށް ގޮވާލެއްވީ ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓެއްގެ އަލީގައި ހައްޔަރުކޮށް ޖަލުގައި މީހަކު ބެހެއްޓުމަކީ އޭނާ ޤަބޫލުފުޅުކުރައްވާ ކަމެއް ނޫންކަމަށާ، މިހާރު އެހުންނެވިގޮތަށް ރައީސް ޔާމީން ބަންދުކޮށްފައި ނުބެހެއްޓޭނެކަމަށެވެ. އެހެންކަމުން ޔާމީން ވަގުތުން ދޫކޮށްލެއްވުމަށް ޤާސިމް ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑުވެސް ދަންނަން އިންޓެލިޖެންސް ރިޕޯޓު ހަދާގޮތް. އަޅުގަނޑުގެ ކުރިމަތީގައި އިންޓެލިޖެންސް ރިޕޯޓު ހަދާފައި ދެއޮފިސަރުން ފަނޑިޔާރު ލައްވާ މާތްﷲ ގަންދީ ހުވާ ލައިދިނީމައި އެހުވާގެ ދަށުން ހުވާކުރައްވާ ދޮގު ހަދާފައި ކަނޑައެޅިގެން ބަޔާންދިނީ. ފަނޑިޔާރުގޭގައި އަޅުގަނޑުގެ ކުރިމަތީގައި." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރަނގަޅުވިޔަސް އަދި ނުބައި ބޭފުޅަކަށްވިޔަސް ދިވެހި ޤައުމާއި ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދެއްވައި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމުރުކަން ކުރައްވާފައިވާ ބޭފުޅަކު އެގޮތަށް ޖަލުގައި ބަންދުކޮށްގެން ނުވާނެކަމަށާ ހުރިހައި ބޭފުޅުންނާމެދުވެސް ކަންތައްތައްކުރަންވާނީ ހަމަހަމައެކު އެއޮންނަ ރަނގަޅު އުސޫލުގެ ތެރެއިންކަމަށެވެ.
އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އިންސާފުވެރި ޝަރީއަަތަކަށްފަހު ޔާމީނަށްވެސް އަދަބު ދޭންޖެހޭނަމަ އެކަން ކުރަންވީކަމަށާ، ރާއްޖޭގެ ވެރިކަންކުރައްވާ ކޮންމެބޭފުޅަކު އުމުރަށް ޖަލަށް ވަޑައިގަންނަވަން ޖެހުމަކީ ވާންޖެހޭނެގޮތްތޯ ޤާސިމް ސުވާލު އުފެއްދެވިއެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ޤާސިމް ގޮވާލައްވާފައި މިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޔާމީނަށް ތާޢީދުކުރާ ކެނޑިޑޭޓުން ވާދަކުރައްވަނީ ޤާސިމްގެ ޕާޓީ ޖޭޕީއާ ގުޅިގެންކަމަށާއި އެޕާޓީއާ ގުޅިގެން 66 ދާއިރާއަކަށް ވާދަކުރާނެކަމަށް ޔާމީންގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިޢުލާން ކޮށްފައިވާ ދަނޑިވަޅެއްގައެވެ.