އައްޑޫ ސިޓީގެ ތަރައްގީ 5.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް ފަށްޓަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢިއުލާންކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ޢިއުލާންކުރެއްވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އައްޑޫގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުވުމުގެ ގޮތުން މިރޭ އައްޑޫސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އައްޑޫސިޓީ މަރަދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އައްޑޫސިޓީއަކީ މިސަރުކާރުން ވަރަށް ޚާއްސަ އަމިއްޔަތުކަމެއް ދެއްވާ ސަރަޙައްދެއްކަމަށާ، އެސިޓީއަށް ތަރައްޤީ ގެންނަންޖެހޭކަމަށެވެ. އެގޮތުން މިސަރުކާރުން އަމާޒުކުރައްވަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކާއެކު އައްޑޫސިޓީއަކީ ވަރަށްބޮޑަށް އާރާސްތުވެ ކުރިއަރައިގެންދާނެ ތަނެއްގެގޮތުގައި ވުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުން އައްޑޫސިޓީއަށް އަމާޒުކުރައްވާފައިވާ ތަރައްޤީގެ މަޝްރޫއުތަކުގައި ހިމެނޭ މުހިއްމު މަސައްކަތްތައް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން 17 ކިލޯ މީޓަރުގެ މަގު ތަރައްގީ ކުރެއްވުމާއި ފަތުރުވެރިކަމުގެ 8000 އެނދު އިތުރު ކުރެއްވުމާއި ބިން އިތުރު ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ސީޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރެއްވުމާއި މަސްވެރިންނަށް ޚާއްސަ ބަނދަރަކާއިއެކު މަސް ޕްރޮސެސްކުރާނެ ފެކްޓްރީއެއް ހެދުން ހިމެނެއެވެ.
އަދި އައްޑޫސިޓީގެ ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމާއި ރާއްޖޭގެ މިހާތަނަށް ހަދާ އެންމެބޮޑު ޑްރަގް ރިހެލިބިިޓޭޝަން ސެންޓަރު އައްޑޫސިޓީގައި ހެދުމާއި އައްޑޫސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން ހައުސިން މަޝްރޫއެއް ހިންގުން ހިމެނޭކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.
އައްޑޫސިޓީއަކީ މާލެ ފިޔަވައި ރާއްޖޭގައި ދެން އެންމެބޮޑަށް ތަރައްޤީކުރުމުގެ ފުރުސަތު އޮތް ސަރަޙައްދުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އައްޑޫގެ ތަރައްޤީގެ ތަޞައްވުރު ކުރިއަށް އޮތް ފަސްއަހަރުދުވަހުގެ ތެރޭގައި ތަންފީޒުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. މިއަހަރަށް އެކަނިވެސް އައްޑޫސިޓީގެ ތަރައްޤީއަށް 470 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.