ސިއްހަތު

"ސެނަހިޔާ"، ހޮސްޕިޓަލެއްގެ ދަރަޖައަށް ބަދަލުކުރަނީ


ސެނަހިޔާ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ސިފައިންގެ މިލިޓަރީ ހޮސްޕިޓަލެއްގެ ގޮތުގައި މިމަހުގެ ތެރޭގައި އެތަން ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ސެނަހިޔާ ހޮސްޕިޓަލް ހުޅުވާފައިވަނީ 16 ސެޕްޓެމްބަރު 2012 ގައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެތަނުން ޚިދުމަތް ދެމުންދަނީ ކްލިނިކް ފެންވަރުގައެވެ. ސިފައިންގެ އިސްތިރާޖީ ޕްރިއޮރިޓީތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވީ، ސެނަހިޔާ ހޮސްޕިޓަލުން މިވަގުތު ލިބެން ނެތް ބައެއް ޚިދުމަތްތައް އެ ހޮސްޕިޓަލަށް ތަޢާރަފުކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށެވެ.

އެގޮތުން ސީޓީ ސްކޭންގެ ޚިދުމަތާއި، އެމް.އާރ.އާއިގެ ޚިދުމަތް ވަރަށް ކައިރި މުސްތަޤުބަލެއްގައި ފެށޭނެކަމަށާއި މިމަހުގެ ތެރޭގައި އެތަން ކްލިނިކެއްގެ ދަރަޖައިން ހޮސްޕިޓަލެއްގެ ދަރަޖައަށް ރަސްމީކޮށް ބަދަލުކޮށް، ސިފައިންގެ މިލިޓަރީ ހޮސްޕިޓަލެއް ގޮތުގައި ހުޅުވިގެންދާނެކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

"ސީޓީ ސްކޭނާއި އެމް.އާރ.އައި ބެހެއްޓުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަޤުބަލެއްގައި ފެށޭނެ. އުއްމީދު މިކުރަނީ މިމަސް ނިމުމުގެ ކުރީގައި ސެނަހިޔާއަކީ ސިފައިންގެ މިލިޓަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވުން." އަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވީ، ސެނަހިޔާ ހޮސްޕިޓަލުން އޮންލައިންކޮށް ބައެއް ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކާ ޚާއްސަ ސޮފްޓްވެއަރއެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އަދި މި ސޮފްޓްވެއަރއާއެކު އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށް މެމޯ ހެއްދުމާއި، ކިއު ނަންބަރު ބަލާލެވޭނެ ކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.

"އުއްމީދަކީ ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިސޮފްޓްވެއަރ ވުޖޫދަށް ގެނެވޭނެކަމަށް. އޭރުން ޑޮކްޓަރަށް ދައްކަން މެމޯ ހައްދާކަށް ސީދާ ހޮސްޕިޓަލަކަށް ފިޒިކަލީ ދާކަށް ނުޖެހޭނެ. މި ސޮފްޓްވެއަރ ޑިވެލޮޕްމިކުރަނީ މޯބައިލް އެޕްލިކޭޝަނެއްގޮތަށް. ހޮސްޕިޓަލުން ލިބޭ ވަރަށް ގިނަ ޚިދުމަތްތަކެއް މި އެޕްލިކޭޝަން ނުވަތަ ސޮފްޓްވެއަރއަށް އިންކޯޕްރޭޓް ކުރެވިގެންދާނެ." އަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.

ސެނަހިޔާ ހޮސްޕިޓަލުން މިވަގުތު ލިބެންހުރި ޚިދުމަތްތަކުގެ ތެރޭގައި ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި، ބައެއް ސްޕެޝަލިސްޓުންގެ ޚިދުމަތްތަކުގެ އިތުރުން، ލެބޯޓްރީގެ ޚިދުމަތް ހިމެނެއެވެ. ސެނަހިޔާއިން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވޯރޑެއް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެތަނުގައި ވަނީ ހުޅުވާފައެވެ. އާސަންދައިގެ ޚިދުމަތާއެކު ޢާއްމުންނަށް ސެނަހިޔާ ހޮސްޕިޓަލް ހުޅުވާލުމާއެކު ގިނަބަޔަކުދަނީ އެތަނުގެ ޚިދުމަތް ހޯދަމުންނެވެ.