ތައުލީމީ ދާއިރާއިން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ނާއިބު ރައީސް ފައިސަލް ނަސީމް ފިންލޭންޑަށް ފުރާވަޑައިގަތުމަށް ނިންމަވައިފިއެވެ.
ނާއިބް ރައީސް ފައިސަލް ނަސީމް ތިން ދުވަހުގެ މުއްދަށް ފިންލޭންޑަށް ކުރައްވާ ދަތުރުފުޅަށްފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި ފިންލޭންޑްގައި ތައުލީމީ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތާއި ރާއްޖޭގައި އެކަންކަން އިމްޕްލިމެންޓް ކުރެވޭނެ ގޮތްތައް ނާއިބް ރައީސް ފައިސަލް ނަސީމް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނާއިބް ރައީސް ވަނީ ޒަމާނުއްސުރެ ރާއްޖޭގައި ކިޔަވައިދެމުން އަންނަ އުސޫލަށް ރަނގަޅު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށާއި ރާއްޖޭގެ ސުކޫލްތައް ޒަމާނީ ފެންވަރަށް ޑިޒައިން ކުރެވެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޓީޗަރުން ކުރިއަރުވާނެ ގޮތްތަކެއް ހޯދައި މަސައްކަތު މާހައުލަށް ދަރިވަރުން އަހުލުވެރި ކުރުމަށް އެންމެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ސަރުކާރުގެ އަމާޒަކީ ތައުލީމީ ނިޒާމް އިތުރަށް ހަރުދަނާކުރުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ނާއިބް ރައީސް ފައިސަލް ނަސީމް ތިން ދުވަހުގެ މުއްދަށް ފިންލޭންޑަށް ކުރައްވާ މި ދަތުރުފުޅުގައި
އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެންޑް ސޯޝަލް ޕޮލިސީގެ އެޑްވައިޒަރ ބައިވެރިވެވަޑައިގަންނަވައެވެ.