ވިޔަފާރި

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމުގެ ހަވާސާގައި ވިޔަފާރިވެރިންގެ ފޯރަމެއް ބާއްވަނީ!


މިއަހަރުގެ ބެލްޓް އެންޑް ރޯޑް ފޯރަމްގެ ހަވާސާގައި ވިޔަފާރި ވެރިންނަށް ހާއްސަ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ ވިދާޅުވެއްޖެއެވެ.

ޗައިނާ ބެލްޓް އެންޑް ރޯޑް ފޯރަމާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވާންގް ޔީ ވިދާޅުވީ ދުނިޔޭގެ 123 ޤައުމަކުން ބައިވެރިވެފައިވާ ބީއާރުއައިގެ މިއަހަރުގެ ފޯރަމުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވާނޭކަމަށެވެ. މިފޯރަމުގެ ތެރެއިން ޗައިނާއާއި އެހެން ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، ދަތުރުފަތުރާއި، ވިޔަފާރީގެ ގުޅުން އިތުރުކުރުމާބެހޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވި އެއްބަސްވުންތަކަކާއި ހަމަޔަށް އާދެވޭނޭކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ ވިދާޅުވީ ބެލްޓް އެންޑް ރޯޑުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ އުމްރާނީ ތަރައްޤީގެ އިތުރުން އިޤްތިސާދަށް އިތުރު ކުރިއެރުންތައް ލިބިގެންދާނޭކަމަށެވެ.

ޗައިނާއިން ބެލްޓް އެންޑް ރޯޑު މަޝްރޫ ފެށިތާ ހަ އަހަރު ވެފައިވާއިރު، ޗައިނާއާއިއެކު އޮންނަ ގުޅުންތައް ބަދަހިވެފައިވާކަމަށް ފޮރިން މިނިސްޓަރ ވާންގް ޔީ ވިދާޅުވިއެވެ. ޗައިނާއިން އިސްނަގައިގެން ކުރިއަށް ގެންދާ މިމަޝްރޫއަކީ މިކަމުގައި ބައިވެރިވާ ހުރިހާ ޤައުމަކަށްވެސް އޭގެ ފައިދާ ކުރާނެ މަޝްރޫއެއްކަމަށެވެ.

ޗައިނާއިން އެޤައުމުގެ އަމިއްލަ ވަންތަކަން ދަމަހައްޓައި ޤައުމުގެ ކުރިއެރުމަށް މަސައްކަތްކުރާ ފަދައިން ޗައިނާއިން ހަމަ އެގޮތަށް އެހެން ޤައުމުތަކާއިމެދުވެސް ވިސްނާކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވާންގެ ޔީވަނީ ޗައިނާ އާއި އެހެން ޤައުމުތަކާއެކު އޮންނަ ގުޅުންތަކާއި ބެހޭގޮތުންވެސް ނޫސްވެރިން ކުރި ސުވާލުތަކަށްވެސް ޖަވާބުދީފައެވެ.