ޚަބަރު

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ވަފުދުން ރައީސް ޔާމީނާ ބައްދަލުކޮށްފި


މިހާރު ރާއްޖެއައިސް އުޅޭ އދ.ގެ އޮފީސް އޮފް ދަ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް (އޯއެންސީއެޗްއާރު)ގެ ވަފުދުގެ ބޭފުޅުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ބައްދަލުކުރައްވައިފިއެވެ.

މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން މިހާރު ބަންދުކޮށްފައިވާ، ރައީސް ޔާމީނާ އދ.ގެ އޯއެންސީއެޗްއާރުގެ ވަފުދުން ބައްދަލުކުރީ ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށެވެ.
އޯއެޗްސީއެޗްއާރގެ ވަފުދުގެ ބޭފުޅުން ޔާމީނާ ބައްދަލު ކުރައްވާފައިވާ ކަން ފޮރިން މިނިސްޓްރީންވަނީ ޔަޤީންކޮށްދެއްވާފައެވެ.

މިވަފުދުގެ ބޭފުޅުންވަނީ މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، ޖަލު ބަންދުގައި ތިއްބެވި ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ޙަމީދާވެސް ބައްދަލުކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް މި ބައްދަލުވުންތަކާއި ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައެއްނުވެއެވެ.

އދ.ގެ ވަފުދުގެ ބޭފުޅުންވަނީ ބައެއް ވަޒީރުންނާއިސަރުކާރުގެ ބައެއް އިދާރާތަކާއި މިނިވަން ބައެއް މުއައްސަސާތަކުގެ ވެރިންނާއި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި ޖަލުތައް އޮޑިޓްކުރާ ކޮމިޓީއާވެސް ބައްދަލުކުރައްވާފައެވެ. އަދި މީހުން ބަންދުކޮށްފައި ބައިތިއްބާ ތަންތަނަށްވެސް މި ވަފުދުގެ ބޭފުޅުން ވަނީ ޒިޔާރަތް ކުރައްވާފައެވެ. މި ބޭފުޅުން މިހާރު ވަނީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފުރައިވަޑައިގެންފައެވެ.