ޚަބަރު

އިރުފާން މާޒިޔާގައި 3 އަހަރު މަޑުކުރަން ނިންމައިފި


ގައުމީ ޓީމްގެ އަދި މާޒިޔާގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އިރުފާން މާޒިޔާގައި މަޑުކުރަން ނިންމައިފިއެވެ. މާޒިޔާގެ މެދުތެރެ މިދިޔަ ސީޒަންގައި ބެލެހެއްޓި އިރުފާންވަނީ އިތުރު 3 އަހަރު މަޒިޔާގައި މަޑުކުރަން ނިންމާފައެވެ. ކުލަބް ވެލެންސިޔާއަށްވެސް ކުޅުނު އިރުފާން މާޒިޔާއާއި ގުޅުނީ 2014ވަނަ އަހަރުއެވެ. މާޒިޔާއާއި އެކު ޔޫތް ޗެންޕިއަންޝިޕްވެސް ކާމިޔާބުކުރި އިރުފާންވަނީ މާޒިޔާގެ ސީނިއަރ ޓީމްގެ ކެޕްޓަންކަންވެސް ކޮށްފައިއެވެ. އެޓޭކިން މިޑްފީލްޑަރެއްގެ އިތުރުން ޑިފެންސިވް މިޑްފީލްޑަރަކަށްވެސް ކުޅެވޭ އިރުފާންއަކީ މިހާރު ގައުމީ ޓީމްގެވެސް މުހިންމު ކުޅުންތެރިއެކެވެ. 2014ވަނަ އަހަރު އިރުފާން ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެއަހަރު އޭނާއަށްވަނީ އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑްވެސް ލިބިފައިއެވެ. މިހާރު ގައުމީ ޓީމްގެ ކޯޗް ޕީޓާރ ސެގާޓްގެ ކޯޗްކަމުގެ ދަށުން އިރުފާންއަކީ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. 23 އަހަރުން ދަށުގެ ޓީމްގެވެސް ކެޕްޓަންކަން ކޮށްފައިވާ މުހައްމަދު އިރުފާންވަނީ މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ރާއްޖޭ ކާމިޔާބުކުރި އިރު އެޓީމްގައި މުހިންމު ދައުރެއް އަދާކޮށްފައިއެވެ. މިއަހަރުގެ ސީޒަންއަށް މާޒިޔާ ޓީމް ވަރުގަދަ ކުރުމަށް އެޓީމްއަށްވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު (ހަމްޕު) ހުސެއިން ނިހާން (ނިހާޓް)އެވެ. މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ސޮއިކުރި ޔަސްފާދު ހަބީބު އާއި ޓީސީ އަށް ބަދަލުވި އިސްމާއިލް އީސާ (މެސީ) އަދި ގްރީން ސްޓްރީޓްސް އަށް ސޮއިކުރި ގާސިމް ސައްމާމު (ސައްމެ) ހިމެނެއެވެ.