ވިޔަފާރި

އުމުރުން އެންމެ ހަގު ބިލިއަނަރަކަށް ކައިލީ ޖެނަރ


ދުނިޔޭގައި މިވަގުތު ހުރި އުމުރުން އެންމެ ހަގު ބިލިއަނަރުގެ މަޤާމު އެމެރިކާގެ މަޝްހޫރު މޮޑެލް، އަދި ކޮސްމެޓިކްސްގެ ވިޔަފާރިކުރާ ކައިލީ ޖެނަރ ހޯދައިފިއެވެ.

މަޝްހޫރު ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު ނެރޭ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައިވާ ގޮތުން އުމުރުން 21 އަހަރުގެ ކައިލީ ޖެނަރއަކީ ދުނިޔޭގައި ހުރި އެންމެ ހަގު ބިލިއަނަރުގެ އިތުރުން، އަމިއްލަ މަސައްކަތުން ބިލިއަނަރެއްގެ ދަރަޖަ ހޯދި އުމުރުން އެންމެ ހަގު ފަރާތެވެ. މީގެ ކުރިން މިރެކޯޑް އޮންނަނީ އުމުރުން 23 އަހަރުގައި އަމިއްލަ މަސައްކަތުން ބިލިއަނަރަކަށްވި ފޭސްބުކްގެ ބާނީ މާކް ޒަކަބާގްއެވެ.

އުމުރުން 21 އަހަރުގެ ކައިލީގެ މިލްކިއްޔާތުގައި ބިލިއަނެއްހާ ޑޮލަރުހުރިއިރު، އޭނާއަށް އާމްދަނީ ލިބޭ މައިގަނޑު ގޮތަކީ، މީގެ 3 އަހަރު ކުރިން 2015 ވަނަ އަހަރު އޭނާ ފެށި ކޮސްމެޓިކްސްގެ ވިޔަފާރިއެވެ. އެމަސައްކަތުގައި ދާއިމީ 7 މުވައްޒަފާއި ވަގުތީ 5 މުވައްޒަފުން ގެންގުޅޭއިރު، އެންމެ ބޮޑު އެހީތެރިކަމެއް ކައިލީއަށް ފޯރުކޮށްދެނީ އޭނާގެ މަންމަ، ކްރިސްއެވެ.

ކުންފުނީގެ މާލީ ކަންކަމާއި އިޝްތިހާރުކުރުމުގެ މަސައްކަތުގައި ކްރިސް ހަރަކާތްތެރިވެއެވެ. ކައިލީއަށް ސޯޝަލް މީޑިއާގައި ލިބިފައިވާ މަޤްބޫލްކަމަކީ އޭނާގެ ވިޔަފާރީގެ ކުރިއެރުންކަމަށް ގިނަ ބަޔަކު ދެކެއެވެ. މިގޮތުން ސޯޝަލް މީޑިއާގައި އޭނާ ފްލޯކުރާ 175 މިލިއަނެއްހާ މީހުން އުޅޭއިރު، ކައިލީގެ ކުންފުނިން ނެރޭ ކޮސްމެޓިކްސްގެ ބަވާތްތައް އިޝްތިހާރުކުރުމުގައި ސޯޝަލް މީޑިއާ ބޮޑު ދައުރެއް އަދާކުރެއެވެ.

މިދިޔަ އަހަރުވެސް ކައިލީގެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 360 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދި ފޯބްސް މަޖައްލާއިން އަންދާޒާކުރާ ގޮތުގައި އޭނާގެ ކުންފުނީގެ އަގުވެސް 900 މިލިއަން ޑޮލަރަށް މިހާރު އަރައެވެ.

ބިލިއަނަރެއްގެ މަޤާމު ހޯދުމާ ގުޅިގެން ކައިލީ ބުނެފައިވަނީ، ބިލިއަނަރަކަށް ވެދާނެކަމަށް އެހާ ބޮޑަށް ވިސްނާފައިނުވާކަމަށެވެ. ނަމަވެސް ބިލިއަނަރަކަށްވުމުން ވަރަށް ހިތްހަމަޖެހޭކަމަށާއި، މަސައްކަތެއް ކުރެވުނުކަން އިހްސާސްކުރެވިއްޖެކަމަށެވެ.