ދިވެހި އަންހެން ސިފައިންނަކީ ދިވެހި އަންހެނުންނަށް ހުރި މިސާލެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މެޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ. ޗީފް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންގެންދާ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެެވެ.
ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަމުންދެއެވެ. އަންހެން ސިފައިންގެ އަގުވަޒަން ކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް މެޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ކުރެއްވި ޓްވިޓެއްގައި ވިދާާޅުވެފައިވަނީ އަންހެން ސިފައިންނަކީ ދިވެހި އަންހެނުންނަށް ހުރި މިސާލެއްކަމަށެވެ.
މިމަހުގެ ފުރަތަމަދުވަހަކީ ދިވެހި އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުނު ދުވަހެވެ. އަންހެން ސިފައިންގެ ޚިދުމަތް ފެށީ ޖުމުލަ 65 އަންހެނުންނާ އެކުގައެވެ. އެހެންނަމަވެސް މިއަދު ސިފައިންގޭގެ ކޮންމެ ޑިޕާޓްމަންޓެއްގައި އަންހެން ސިފައިން މަސައްކަތްކުރަމުން އަންނައިރު އަސްކަރީ ބޮޑެތި ތަމްރީނުތައް ފުރިހަމަކޮށްފައިވާ ކުޅަދާނަ އަންހެން ސިފައިން ދިވެހި އަސްކަރިއްޔާގައި މަސައްކަތްކުރައްވަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އަދި ދިވެހި އަންހެން ސިފައިންގެ ފުރަތަމަ ބެޗުގެ އަންހެނުން މިމަސައްކަތާއި ކުރިމަތިލީއިރު އެޒަމާނަކީ އަންހެން ސިފައިން މިފަދަ މަސައްކަތްކުރުމުގައި ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިއޮތް ޒަމާނެއްކަން ފާހަގަކުރަންޖެހެއެވެ. ނަމަވެސް އަންހެން ސިފައިން އެދުވަހު ގަދަހިތްވަރާއެކު ކުރިމަތިލައްވައި މިއަދު ދިވެހިން އަސްކަތިއްޔާ ފަޚުރުވެރިވާފަދަ ބަޔަކަށް ވަނީވެފައެވެ. މިއަދު އަންހެން ސިފައިދަނީ އަންހެނުން ޢާއްމުކޮށް ފުރިހަމަ ނުކުރާ އަސްކަރީ ތަމްރީންތައްވެސް ފަސްޖެހުމެއްނެތި ފިރިހެން ސިފައިންނާ އެއްހަމައެއްގައި ފުރިހަމަކުރަމުންކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.
އަންހެނުންގެ ދުވަހާގުޅިގެން އެހެން ބައެއް މުއައްސަސާތަކުގެ ވެރިންވެސް ދަނީ ޝުޢޫރު ފާޅުކުރައްވަމުންނެވެ. އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ އޮޕަރޭޝަނަލް އެކިކަންކަމުގައާއި ސްޕެޝަލިސްޓުންގެ ގޮތުގައި އެކިދާއިރާތަކުގައި އަދި މެނޭޖްމެންޓު ފެންވަރުގައި %10 އަންހެން ފުލުހުން މަސައްކަތްކުރަމުން އަންނަކަމަށެވެ.
އަދި ކައިރި މުސްތަޤުބަލެއްގައި ފުލުހުންގެ ކަންކަން ނިންމާ ފެންވަރުގައި ނުވަތަ ލީޑަރޝިޕް މަޤާމުގަތުގައި އަންހެން ފުލުހުން ތިބޭދުވަސް ފެނިގެންދާނެކަމަށްވެސް ކޮމިޝަނާ ވަނީ ވިދާޅުވެފައެވެ. ދިވެހި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރަމުންދާއިރު ދެކުނު އޭޝިއާގައި އެންމެ ހަރުދަނާ އަދި ނިސްބަތުން އެންމެ ގިނަ އަންހެން ފުލުހުން މަސައްކަތްކުރާ މުއައްސަސާއަކަށް ރާއްޖޭގެ ފުލުހުންގެ މުއައްސަސާ ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކާކައެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުންވެސް އަންހެނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު މިދުވަހާގުޅިގެން ސްޓެލްކޯއިންވެސްވަނީ ބަޔާނެއް ނެރެފައެވެ. ސްޓެލްކޯގެ ބަޔާނުގައިވަނީ ސްޓެލްކޯގެ ޓެކްނިކަލް ނޫން ދާއިރާގައި މަސައްކަތްކުރާ މީހުންގެ %66 އަކީ އަންހެނުންކަމަށެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުރިއަށްއޮތް ތަނުގައި ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންގެ %50އަކީ އަންހެނުންނަށް ހެދުމަކީ އެކުންފުނީގެ އަމާޒެއްކަމަށެވެ. އެގޮތުން އެކުންފުނީގެ ޓެކްނިކަލް މަޤާމުތަކަށް އައުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
ސްޓެލްކޯގެ ނޫސްބަޔާނުގައި ބުނެފައިވަނީ ޤައުމު މިއަދު ދެކެމުންދާ ތަރައްޤީގެ ފަހަތުގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަކޮށްފައެވެ.