ޚަބަރު

23 އަހަރުން ދަށުގެ ގައުމީ ޓީމް ފިލިޕީންސްގައި ކުޅުނު މެޗުން އެއްވަރުވެއްޖެ


ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމްއާއި ފިލިޕީންސްގެ ފުރަތަމަ ޑިވިޝަންގެ ސްޓެލިއޯން ލެގޫނާ އެފްސީއާ ވާދަކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

މިމެޗްއަކީ މިމަހުގެ ފަހުކޮޅުގައި ފަށާ އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗެކެވެ.
އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންއަށް ތައްޔާރުވުމަށް ގައުމީ ޓީމް ކޭންޕްކޮށްފައިވަނީ ޕިލިފީންސްގައެވެ. ފިލިޕީންސްގެ ފުރަތަމަ ޑިވިޝަންގެ ސްޓެލިއޯން ލެގޫނާ އެފްސީއާއި ކުޅުނު މެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.

މެޗްގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ ރާއްޖޭގެ ޒުޗާން ޓީމުންނެވެ. މިލަނޑު ރާއްޖޭގެ ޓީމަށް ޖަހައިދިނީ ގްރީންސް ސްޓްރީޓްސްއަށް ކުޅެމުން އަންނަ އަބްދުﷲ ޔާމީނެވެ. ސްޓެލިއޯން ލެގޫނާ އެފްސީއިން މެޗް އެއްވަރު ކުރީ ދެވަނަ ހާފްގައި އެޓީމް ޖެހި ގޯލުންނެވެ.

ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ދިން މިމެޗްގައި ޒުވާން ޓީމްއަށް އިރުޝާދު ދީފައިވަނީ ގައުމީ ކޯޗް ޕީޓަރ ސެގާޓެވެ. ނަމަވެސް ފިލިޕީންސްއަށް ފުރުމުގެ ކުރިން ސެގާޓްވަނީ މިފަހަރު ޒުވާން ޓީމް ލީޑް ކުރާނީ ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗް އަހުމަދު ޝާކިރުކަމަށް ބުނެފައެވެ. އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަން މެޗްތަށް ކުޅުނުމަށް ހަމަޖެހިފައިވަނީ ސައުތި އަރަބިއްޔާގައެވެ.

ކޮލިފައިންގެ ފުރަތަމަ މެޗްގައި މިމަހުގެ 22ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ސައުތި އަރަބިއްޔާއާއި ދެކޮޅަށެވެ. ދެވަނަ މެޗްގައި ޔޫއޭއީއާއި ދެކޮޅަށެވެ، ގުރޫޕްގެ ފަހު މެޗްގައި ރާއްޖެ ނިކުންނާނީ ލެބަނަންއާއި ދެކޮޅަށެވެ.