ވިޔަފާރި

މިދިޔަ ދެމަހު ދައުލަތަށް ލިބުނު އާމްދަނީ 4.1 ބިލިއަން ރުފިޔާއަށް އަރައިފި


މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީ 4.1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ދަޢުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން ފެބްރުއަރީމަހުގެ ނިޔަލަށް 4.1 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވާއިރު، މިއީ މިއަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ 23.3 ބިލިއަން ރުފިޔާގެ 17.9 އިންސައްތައެވެ.

4.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދެމަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބިފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ. ޓެކްސްގެ ގޮތުގައި 3.14 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ 1.3 ބިލިއަން ރުފިޔާއާއި ބީޕީޓީގެ ގޮތުގައި ލިބިފައިވާ 1 ބިލިއަން ރުފިޔާ ހިމެނެއެވެ.

ފުރަތަމަ ދެމަސްދުވަހުގެ އާމްދަނީ 4.1 ބިލިއަން ރުފިޔާއަށް އަރާއިރު، އެމުއްދަތުގެ ތެރޭގައި ޚަރަދުކުރެވިފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ފުރަތަމަ ދެމަސްދުވަހު ދައުލަތުން ކުރި ޚަރަދަށްވުރެ ލިބުނު އާމްދަނީ 778.4 މިލިއަން ރުފިޔާ އިތުރެވެ.

ފުރަތަމަ ދެމަސްދުވަހުގެ ޚަރަދަށް ބަލާއިރު، ތަރައްޤީއަށް ޚަރަދުކުރެވިފައިވަނީ 19 އިންސައްތަ ނުވަތަ 652.7 މިލިއަން ރުފިޔާއެވެ. ބާކީ 2.7 ބިލިއަން ރުފިޔާ ނުވަތަ 81 އިންސައްތަ ޚަރަދުކޮށްފައިވަނީ ރިކަރަންޓް ޚަރަދު ނުވަތަ ދައުލަތް ހިންގުމުގެ ޚަރަދަށެވެ. އޭގެ ތެރޭގައި މުސާރައާއި ޕެންޝަންގެ ގޮތުގައި ދީފައިވާ 1.5 ބިލިއަން ރުފިޔާއާއި އިދާރީ ހިންގުމަށް ޚަރަދުވި 925.6 މިލިއަން ރުފިޔާ ހިމެނެއެވެ.