ދިވެހި ސިފައިންނަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމުގައި ކެރިގެން ސާބިތުކަންމަތީ ދެމިތިބޭނެ ބަދަހި ލަޝްކަރެއް ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސްފޯސް މިހެން ވިދާޅުވީ، ސިފައިންގެ އިސްތިރާޖީ ޕްރިއޮރިޓީތަކާ ބެހޭގޮތުން ސިފައިންނާ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި ސިފައިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޗީފް ވިދާޅުވީ، ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށް ޤާނޫނީގޮތުން ހުވައި ކޮށްގެންތިބޭ ބައެއް ކަމަށާ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި، ފުރާނަ ދޭންޖެހުނު ކަމުގައި ވިޔަސް ދިވެހި ސިފައިން ފަހަތަށް ނުޖެހޭނެކަމަށެވެ.
މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ވާހަކަފުޅުގައި ސިފައިންގެ ވެލްފެއަރ ކަންތައްތައް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން އަލިއަޅުއްވާލެއްވިއެވެ. ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމުގެ ގޮތުންނާއި، ޒަމާނީ ޕްރޮފެޝަނަލް ފޯސްއަކަށް އެމްއެންޑީއެފް ހެދުމަށްޓަކައި މުއައްސަސާ ރިފޯމްކޮށް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. އަދި ސިފައިންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ސިފައިންނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާތަކުގެ މައްޗަށާއި، ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
މި ޖަލްސާގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަޠީފް ދެއްކެވި ވާހަކަފުޅުގައި، ސިފައިންގެ ވެލްފެއަރ ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި ސިފައިންނާ މަޢުލޫމާތު ޙިއްސާކުރައްވިއެވެ. މި ޖަލްސާގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، ސިފައިންގެ އިސް ރޭންކްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.