ޚަބަރު

ޕްރޮގްރެސިވް ކޮންގްރެސްއިން ތާޢީދުކުރާ ކެންޑިޑޭޓުން އިޢުލާންކޮށްފި


އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާގުޅިގެންކަމަށް ވިދާޅުވެ، އެޕާޓީއާ ގުޅިގެން ވާދަކުރައްވަން ނިންމަވާފައިވާ 66 ދާއިރާއެއް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިޢުލާން ކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މައިއޮފީސް ހ.ހުރަފާގައި މިކަން އިޢުލާން ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ނެރޭނެ ދާއިރާތަކާއި، ޖޭޕީގެ ކެންޑިޑޭޓުންގެ ތެރެއިން އެ ކޯލިޝަނުން ތާއިދު ކުރާ ފަރާތްތަކުގެ ލިސްޓެއް އިޢުލާން ކުރައްވާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލީހަށް ވާދަކުރައްވާކަން އިއުލާން ކުރެއްވި 32 ދާއިރާއަށް ޖުމްހޫރީ ޕާޓީގެ އެއްވެސް ކެންޑިޑޭޓަކު ވާދައެއް ނުކުރައްވައެވެ. އަދި ޖުމްހޫރީ ޕާޓީން ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާ 34 ދާއިރާއެއްގެ ކެންޑިޑޭޓުންނަށް ޕްރޮގްރެސިވް ކޮންގެސް ކޯލިޝަނުން ތާއިދު ކުރައްވާކަން ވަނީ އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން ކޮންމެ ޕާޓީއަކުންވެސް އިތުރު 13 ދާއިރާއަކަށް ވާދަކުރަން ވަނީ ނިންމަވާފައެވެ.

ޕީޕީއެމާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ޖޭޕީ ގުޅިގެން މަޖިލީހުގެ 66 ދާއިރާއަކަށް ވާދަކުރާނެ ކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިޢުލާން ކުރެއްވި ނަމަވެސް ޖޭޕީން އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ޖޭޕީގެ 34 ދާއިރާއެއްގެ ކެނޑިޑޭޓުންގެ އިތުރުން މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭގެ) ހަތަރު ދާއިރާއެއްގެ ކެނޑިޑޭޓުންނަށްވެސް ތާޢީދުކޮށް އިންތިޚާބުގައި ގުޅިގެން ވާދަކުރުމަށް ނިންމަވާފައެވެ.