ޚަބަރު

ބީ.ޖޭ.ޕީ ދެ މެމްބަރެއް ފައިވާންކިބައަކުން ތަޅާފޮޅާ މަންޒަރު ފެންނަ ވީޑިއޯއެއް ޢާއްމުވެއްޖެ


އިންޑިޔާގައި ވެރިކަންކުރާ ބަރަތިޔާ ޖަނަތަ ޕާޓީ (ބީ.ޖޭ.ޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން، ފައިވާންކިބައަކުން އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ޢާއްމުވެ، އެ ދެ މެމްބަރުންނާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އަޅަން ފޮނުވައިފިއެވެ.

މި ވީޑިއޯގެ ސަބަބުން، ވެރިކަންކުރާ ބަރަތިޔާ ޖަނަތަ ޕާޓީ (ބީ.ޖޭ.ޕީ)އަށް މިވަނީ ބޮޑު ލަދުވެތިކަމެއް އިހުސާސްކުރަން މަޖުވޫރުވެފައެވެ.

އުއްތަރް ޕްރާދޭޝްގައި ބޭއްވި ބައްދަލުވުމުގައި ފައިވާން ކިބަ ނަގައި ތަޅާފޮޅާ ހިސާބަށް މައްސަލަ ދިޔައީ، މަޝްރޫޢެއްގެ ބިންގަލުގައި ނަން ޖަހާނޭގޮތާ މެދު ޝާރަދް ތްރީޕަތީ އާއި ރާކޭޝް ސިންގާ ދެމެދު ޚިޔާލުތަފާތުވުން އުފެދި، ތްރީޕަތީގެ ފައިވާނުން ސިންގްގެ ގައިގައި ޖެހި ހިސާބުންނެވެ.

ފަހުން ނޫސްވެރިންނާ ވާހަކަދައްކަމުން ތްރީޕަތީ ވަނީ، އެކަމާ މެދު ހިތާމަކުރައްވާކަމަށާއި، މިއީ އޭނާގެ ޙަޤީޤީ ސިފަ ނޫންކަމަށް ވިދާޅުވެފައެއެވެ. މިހާރު ތްރީޕަތީ އަދި ސިންގްވެސް ވަނީ ލަކްނޯވުގައި ހުންނަ ބީ.ޖޭ.ޕީގެ އިދާރާއަށް ހާޒިރުކުރަން ނިންމާފައި.