ވިޔަފާރި

އިތުރު ކުންފުންޏެއްގެ މައްޗަށް އަނެއްކާވެސް ދައުލަތައް ޓެކްސް ދެއްކުމަށް ހުކުމްކޮށްފި


އިތުރު ކުންފުންޏެއްގެ މައްޗަށް އަނެއްކާވެސް ދައުލަތައް ޓެކްސް ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މިފަހަރު ދައުލަތަށް ޓެކްސް ދެއްކުމަށް ހުކުމްކޮށްފައިވަނީ، ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑާއި ދެކޮޅަށް ދައުލަތުގެ ޓެކްސް އިދާރާއިން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ، ގްރީން ޓެކްސް އާއި، އެއާއިގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 24,538 އެމެރިކާ ޑޮލަރު އަދި 1,700 ރުފިޔާ، 4 މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާޞް ކުރުމަށެވެ.

މިދިޔަ ހޯމަދުވަހު ސިވިލްކޯޓުން ވަނީ ހައިސީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުލަތައް ދައްކަންޖެހޭ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށްވެސް ހުކުމްކޮށްފައެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެންދަނީ ދައުލަތައް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޯޓު މެދުވެރިކޮށްވެސް މަސައްކަތްކުރަމުންނެވެ.

މިގޮތުން ދައުލަތައް ޓެކްސް ނުދައްކައިގެން މިދިޔަ އަހަރުވެސް ގިނަ ފަރާތްތަކެއްގެ މައްސަލަތައް ސިވިލްކޯޓަށް ހުށަހަޅާފައިވާކަމަށް މީރާއިން ބުނެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތައް މީރާއިން ވަނީ ކާމިޔާބުކޮށްފައެވެ.