ތަރައްްޤީ

ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުތަކާ ގުޅޭ ޝަކުވާ ފޯމު ހުށަހަޅަން ޖެހޭނީ ރައީސް އޮފީހަށް އެކަނި- ހައުސިންގ މިނިސްޓްރީ


ގެދޮރުވެރިވުމުގެ މަޝްރޫޢުތަކާއި ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައިގަންނާނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިހެން ވިދާޅުވެފައިމިވަނީ ހިޔާ މަޝްރޫޢާއި ގެދޮރުވެރިކުރުވުން މަޝްރޫޢާއި ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓާ ގުޅޭގޮތުން ޝަކުވާ ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލުމާއެކު ގިނަ ޢަދަދެއްގެ ބަޔަކު ހައުސިންގ މިނިސްޓްރީއަށް ފޯމު ހުށަހަޅަމުންދާތިއެވެ.

މިމަޝްރޫޢުތަކާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، މި ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި މަޝްރޫޢުތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ޚާއްސަ ފޯމެއް ރައީސް އޮފީހުން ތައްޔާރުކޮށްފައިވާއިރު، މި މަޝްރޫޢުތަކާގުޅޭ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. އަދި މިހާތަނަށް ބެލިބެލުމުން ފްލެޓު ދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން މިކޮމިޓީންވަނީ ފާހަގަކޮށްފައެވެ.