ތަޢުލީމު

ވިލާ ކޮލެޖުގެ 2015 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު


ވިލާކޮލެޖާއި، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ، އޯ.ޔޫ.އެމް އިން ގުޅިގެން ހިންގި މާސްޓާރޒް އަދި ބެޗްލާރޒް ޕްރޮގްރާމްތަކުން ޑިގްރީ ޙާސިލުކުރި ފަރާތްތަކަށް އެކަމުގެ ސަނަދު ހަވާލުކޮށްފިއެވެ.މިކަމަށްޓަކައި މިއަދު ދަރުބާރުގޭގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވިލާކޮލެޖްގެ މާސްޓާރޒް އަދި ބެޗްލާރޒް ޕްރޮގްރާމްތަކުން ތިން ސަތޭކަ އަށާރަ ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.ވިލާ ކޮލެޖުގެ 2015 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު ވިދާޅުވީ، ތައުލީމީ ހަޔާތުގައި ވިލާކޮލެޖުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.އަހަރެއް އަހަރަކަށް ވިލާކޮލެޖުން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވަމުން އަންވަރު ވިދާޅުވީ، ވިލާ ކޮލެޖުގެ އަމާޒަކީ، އެކޮލެޖުން ހިންގާ ކޯސްތަކަކީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ބަލައިގަންނަށް، ދިވެހިންގެ މާހައުލާއި ގުޅޭ ކޯސްތަކަކަށް ހެދުންކަމަށެވެ.މި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ބާނީ ޤާސިމް އިބްރާހިމްގެ ޚިތާބު އިއްވަވައިދެއްވަމުން، ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު ހަމީދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރަމުންދާ މި މުނާސަބަތުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައްވެސް އުފަލާއިއެކު ފާހަގަކުރައްވާކަމަށެވެ. އެގޮތުން، ފާއިތުވި ފަންސާސް އަހަރުތެރޭ އަމިއްލަ ވަޒަނުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން، ބޭރުގެ ނަން މަޝްޙޫރު ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައިވެސް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު މިއަދު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.ވިލާ ކޮލެޖުގެ ފަސްވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މާސްޓާރޒް އަދި ބެޗްލާރޒް ޑިގްރީ ހާސިލުކުރި ފަރާތްތަކަށް ސަނަދުތައް ހަވާލުކޮށްދެއްވީ، އޯޕަން ޔުނިވަރސިޓީގެ ރައީސް އަދި ވައިސް ޗާންސެލަރ ޕްރޮފެސަރ އެމެރިޓަސް ތާންސްރީ އަނުވަރު ޢަލީއެވެ.މީގެ އިތުރުން މި ރަސްމިއްޔާތުގައި ވިލާކޮލެޖް ބުކް ޕްރައިޒް ހާސިލުކުރި ސާޅިސް ފަސް ދަރިވަރަކަށާއި، ވިލާ ކޮލެޖުގެ ފައުންޑަރު ޤާސިމް އިބްރާހިމް ދެއްވާ އެކްސެލެންސް އެވޯޑް ހާސިލުކުރި ދިހަ ދަރިވަރަކަށްވެސް އިނާމް ހަވާލުކޮށްފައިވެއެވެ.ވިހި ދަރިވަރުންނާއި އެކު 2007 ވަނަ އަހަރު ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތު ފޯރުކޮށްދިނުމަށްޓަކައި، އެންމެ ފުރަތަމަ ހުޅުވިގެންދިޔަ އަމިއްލަ ކޮލެޖް ކަމުގައިވާ ވިލާ ކޮލެޖުގައި މިހާރު ތިންހާހަށް ވުރެ ގިނަ ދަރިވަރުން ދަނީ ތަފާތު އެކި ދާއިރާތަކުން މަތީ ތައުލީމު ޙާސިލުކުރަމުންނެވެ. އަދި ރާއްޖޭގެ ހަ ސަރަހައްދެއްގެ އިތުރުން އަވަށްޓެރި ސްރިލަންކާގައިވެސް ވިލާ ކޮލެޖުގެ ކެމްޕަސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.