ޚަބަރު

ނޫސްވެރިން ބަހާއި އަދަބިއްޔާތަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިވާންޖެހޭ - ދިވެހި ބަހުގެ އެކެޑަމީ


ކުރިއަށްއޮތް ޖީލުތަކަށް ދިވެހި ބަސް ފޯރުކޮށްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރާ ބަޔަކީ ނޫސްވެރިންކަމަށްވާއިރު، ނޫސްވެރިން މިހާރަށްވުރެބޮޑަށް ބަހާއި އަދަބިއްޔާތަށް އަހުލުވެރިކުރުވަންޖެހޭކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވެއްޖެއެވެ.

އަޝްރަފް މިހެން ވިދާޅުވީ، ދިވެހި ނޫސްވެރިކަމުގެ ފެންވަރު ރަނގަޅުކުރުމަށް ދިވެހިބަހުގެ އެކަޑަމީއާއި މޯލްޑިވްސް މީޑިއާ ކައުންސިލާދެމެދު ސޮއިކުރި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ދިވެހި ނޫސްވެރިކަމުގެ ފެންވަރު ރަނގަޅުކޮށް ފޭރާންހެޔޮ ދިވެހިބަހުން ލިޔެކިއުމަށް ނޫސްވެރިން އަހުލުވެރިކުރުވުމަށް ދިވެހިބަހުގެ އެކަޑަމީއާއި މޯލްޑިވްސް މީޑިއާ ކައުންސިލާ ދެމެދު ސޮއިކުރި އެއްބަސްވުމުގައި ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއެވެ. މީޑިއާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލުގެ ރައީސް ހިދާޔަތުﷲއެވެ.
މިއެއްބަސްވުމުގައި ސޮއުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، ރާއްޖޭގައި ގިނަ ޢަދަދެއްގެ މީޑިއާތަށް ހިންގަމުންދާއިރު، މިމީޑިއާގެ ލިޔުންތަކުގައި ނުރަނގަޅުގޮތްތަކަށް ދިވެހިބަސް ބޭނުންކޮއްފައިވާކަން އެކަޑަމީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

އަންނަންއޮތް ޖީލުތަކަށް ދިވެހި ބަސް ފޯރުކޮށްދޭ ބަޔަކީ ނޫސްވެރިންކަމުގައިވާއިރު، ނޫސްވެރިން ބަހާއި އަދަބިއްޔާތަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިކުރަންޖެހޭކަމަށް އަޝްރަފް ވިދާޅުވިއެވެ. އެކަޑަމީއާއި މީޑިއާ ކައުންސިލާދެމެދު ވެވުނުގެ އެއްބަސްވުމުގެ ދަށުން، ދެއިދާރާގުޅިގެން ދިވެހި މީޑިއާ ހަރުދަނާކުރުމަށް ތަމްރީން ޕްރޮގްރާމްތަށް ހިންގުމަށް ރާވާފައިވާކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

"ކުރިއަށްއޮތް ޖީލުތަކަށް ދިވެހިބަސް ފޯރުކޮށްދޭ ބަޔަކީ ނޫސްވެރިންކަމުގައިވާއިރު، ނޫސްވެރިން ބަހާއި އަދަބިއްޔާތަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިކުރަންޖެހޭ. ދަރަޖަ ބޭނުންކުރާއިރުއާއި، ސުކުން ކުރުމުގައި ގިނަ މައްސަލަތަކެއް ހުރޭ. މި މައްސަލަތަކަށް މި އެއްބަސްވުމުގެ ސަބަބުން ގިނަ މަސައްކަތްތަކެއް ކުރަންވާނީ އެއްބަސްވެފައި." އަޝްރަފް ޢަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ، މި އެއްބަސްވުމުގައި އެއްބަސްވެފައިވާ ކަންކަން ފުރިހަމަކުރުމަށް އެމްއެމްސީން ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ. މީޑިއާގެ ދާއިރާ ހަރުދާނާކުރުމަށް ކުރާ މިމަސައްކަތުގައި މީޑިއާގެ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންގެ މި އެއްބަސްވުމުގެ ދަށުން ޓައިމްލައިންއެއް ތައްޔާރުކޮށް މިކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ މަސައްކަތްކުރުމަށް ނިންމާފައިވަނީ. މިކަމުގެ މީޑިއާގެ ދާއިރާގެ އެންމެންގެ އެއްބާރުލުން މުހިންމު." ހިދާޔަތުﷲ ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކަޑަމީއާއި މޯލްޑިވްސް މީޑިއާ ކައުންސިލްއާއި ދެމެދު ޤާއިމުކުރި އެއްބަސްވުމުގެ ދަށުން ޓައިމް ލައިނެއް ތައްޔާރުކޮށް ތަމްރީނު ޕްރޮގްރާމްތަށް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.