ދިވެހިރާއްޖެއިން ޓީބީ ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހދ އަތޮޅުގައި ޖީން އެކްސްޕަރޓް ސަރވިސްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ މި ޚިދުމަތް ހދ އަތޮޅުގައި ރަސްމީކޮށް ފެށުމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް ފަށްޓަވައިދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރެވެ. މި ޚިދުމަތަކީ މީގެ ކުރިން ހަމައެކަނި މާލެ ޞަރަޙައްދުގައި ލިބޭ ޚިދުމަތެކެވެ.
މި ޚިދުމަތް ހދ އަތޮޅުގައި ދިނުމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ އެންމެ ޒަމާނީ މެޝިނެއް ބަހައްޓާފައެވެ. އަދި މި ޚިދުމަތް ދިނުމަށްޓަކައި އެ ހޮސްޕިޓަލުގެ 8 މުވައްޒަފަކަށާއި އެއަތޮޅުގެ ސިއްޙީމަރުކަޒުތަކުގައި މަސައްކަތްކުރާ 26 މުވައްޒަފަކު ވަނީ މިކަމަށް ޚާއްޞަކޮށް ތަމްރީނުކޮށްފައެވެ. އެގޮތުން ތަމްރީނުކުރި މުވައްޒަފުންގެ ތެރެއިން ސިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރަ މުވައްޒަފުން މެދުވެރިކޮށް އެކި ރަށްރަށުން ބަލިމީހުންގެ ސާމްޕަލްތައް ޓެސްޓުކުރުމަށް ރައްކާތެރިކަމާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ލިބޭނެގޮތް ހަމަޖައްސާފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
ޙެލްތް މިނިސްޓްރީން ވިދާޅުވީ ޖީންއެކްސްޕަރޓް ސަރވިސްގެ ޚިދުމަތް ހދ އަތޮޅުގައި ތަޢާރަފްކޮށްފައިމިވަނީ ޑަބްލިއުއެޗްއޯގެ އެހީއާއެކުގައި ކަމަށެވެ. އަދި މި ޚިދުމަތް ދިނުމަށް ބޭނުންކުރާ މެޝިނަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް "ޖީން އެކްސްޕާރޓް ސަރވިސް" ގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ މެޝިނެއްކަމަށްވެސް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އެގޮތުން މި މެޝިނުގެ އެހީގައި ޓީބީ ބެކްޓީރިއާގެ ކިތަންމެ ކުޑަ މިންވަރެއް ހަށިގަނޑުގައި ހުރިނަމަވެސް ދެގަޑިއެއްހާއިރުގެ ތެރޭގައި ދެނެގަނެވޭނެކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
މީގެ އިތުރުން މި މެޝިންގެ އެހީގައި ބޭހާއި ނުލައިވެސް ޓީބީގެ އަސަރު ހުރި ތޯ ބަލާލެވޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. އެ ހޮސްޕިޓަލުން ބުނީ ބޭހާއި ނުލައި ޓީބީއަށް ޓެސްޓްކުރަން ކުރިން ހަދާ ޓެސްޓްތަކުގެ ނަތީޖާ ލިބެން ދޮޅު މަސް ނަގާކަމަށެވެ. ނަމަވެސް މި މެޝިންގެ އެހީގައި މި ޓެސްޓުގެ ނަތީޖާ މަދު ސާމްޕަލްކޮޅަކުން އަވަސް މުއްދަތެއްގައި ތެރޭގައި ދެނެގަނެވޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ޖީންއެކްސްޕަރޓްގެ ޙިދުމަތާއި ޓީބީ ސްކްރީނިންގްއަށް މި ޤާއިމުކުރެވޭ ސިސްޓަމުން ރާއްޖޭގައި ޓީބީ ޖެހިފައިތިބި މީހުން ދެނެގަނެވޭ ނިސްބަތް އިތުރު ކުރެވިގެންދާނެ ކަމަށެވެ.
ރާއްޖެއިން ޓީބީ ނައްތާލުމަށް ސަރުކާރުން ޙާއްސަ އަހައްމިޔަތުކަމެއްދީ، މިކަން ޙާސިލްކުރުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކޮށް، ގިނައަދަދެއްގެ މީހުން ޓީބީއަށް ސްކްރީންކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން، ޓީ.ބީ ގެ ބަލި ދެނެގަތުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ 2 ސަރަހައްދެއްގައި ޖީންއެކްސްޕާރޓް މެޝިން ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.